Last Updated: April 20, 10:15
Saturday, April 20, 2024
ޚަބަރު

ކޮވިޑް-19 އާ ގުޅިގެން އެއްލައްކައަށް ވުރެ ގިނަ ބުކިން ކެންސަލްވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރެ --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން އެއްލައްކައަށް ގިނަ ބުކިން ކެންސަލްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 26ވަނަ ދުވަހުން ފެށިގެން 125،827 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށްވުރެ ދެގުނަ އިތުރަށް ބުކިން އަލަށް ހައްދާފައިވާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން 332،023 ބުކިން އަލަށް ހައްދާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ރާއްޖޭގެ އިގްތިސޯދަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. ނަމަވެސް އެއީ އަރައި ނުގަނެވޭނެ ކަމެއް ނޫން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ލޮޅުން އަޔަސް ސަރުކާރުން އެކަމުން އަރައި ގަންނަން މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން އެހެން މަންޒިލްތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނު ކުރެއްދޫ އައިލެންޑު ރިސޯޓާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓުގައި 696 ފަތުރުވެރިން އެބަ ތިބި ކަމަށެވެ. އަދި ވިދާޅުވީ އެ ރިސޯތުގެ ހާލަތުތައް ވެސް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ހަމައެއާއެކުގައި ރިސޯޓުގެ މެނޭޖުމަންޓާއި ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.