Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

"މާލިއްޔަތު ގާނޫނާ ހިލާފުވެފައި އޮވެދާނެ"

ނަޝީދު އީސީސީ ހުޅުވައިދެއްވަނީ . .

ސާކް ސަމިޓްގެ ތައްޔާރީތަކުގައި ކަން ކަން އަވަސްކުރަން ހަދައިގެން މާލީއްޔަތު ގާނޫނާއި ހިލާފްވެފައި އޮވެދާނެ ކަމަށާއި ނަމަވެސް އެއްވެސް ރައްޔިތުންގެ ފައިސާގައި ޖެހި ހިޔާނާތްތެރިފައި ނޯންނާނެކަމަށް އެމްޑީޕީގެ ރިއާސީ ކެންޑިޑެޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝިދުގެ ސަރުކާރުން އައްޑޫގައި ބޭއްވި ސާކް ސަމިޓްގެ އެކި ކަންކަމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މިލިއަން މިލިއަނުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނިކޮށް ހދ. ވައިކަރަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ފައިސާ ހަރަދުކޮށްފައި ހުރީ ރަނގަޅަށްތޯ ނުވަތަ ގޯސްކޮށްތޯ ބެލުމަށް ކުރާ އޮޑިޓްތަކުގެ އޮޑިޓް ރިޕޯޓުތައް އޮޑިޓާ ޖެނެރަލް ނެރުއްވަމުން ގެންދަވާކަމީ އުފާފުޅުކުރައްވާ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ އަކުރުން އަކުރަށް މާލިއްޔަތު ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެ ގާނޫނުގައި އޮތް ގޮތަށް ނޫން ގޮތަށް އަމަލު ކުރެވިފައި އޮތް ނަމަވެސް އެއިން ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިފައިވާ ނުވާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އަދި އުއްތަމަ ފަނޑިޔާރު ވިދާޅުވާ އެއްޗެއް ބޮލާލާ ނުޖަހާނެ ކަމަށާއި އެ ފަރާތްތަކުން ފާހަގަ ކުރައްވާ ކަންކަމުން އިބްރަތް ހާސިލްކޮށް، އެއީ އިސްލާހު ވުމަށް ލިބޭ ފުރުސަތެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި ސިފައިންނާއި ފުލުހުން ސާކް ސަމިޓްގައި ކުރި މަސައްކަތްތަކަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަދަން ޔުޓިލިޓީޒް (އެސްޔޫއެލް) އިން ނަގާފައިވާ އިރު އެ ފައިސާގެ ތެރެއިން ބައެއް ވަނީ މަސައްކަތްނުކުރާ އަމިއްލަ ކުންފުނިތަކަކަށް ދީފަ އެވެ. އަދި ސާކް ސަމިޓަށް 400 މިލިއަން ރުފިޔާ އިތުރަށް ހަރަދުކުރި އިރު އެ ރަސްމިއްޔާތަށް ހެދި ދަރުބާރުގެ އަށް ވެސް 61 މިލިއަން ރުފިޔާ އެއްބަސްވުމުގެ ބޭރުން ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. ސާކް ސަމިޓްގެ ދަތުރުތަކުގެ ހަރަދުތަކަށް 26 މިލިއަން ރުފިޔާ ހަރަދުކުރިއިރު 5.7 މިލިއަން ރުފިޔާ އިސްރާފުގެ ގޮތުގައި ހަރަދުކޮށްފައިވާ އިރު މުނިފޫހިފިލުވުމަށް ހަރަދު ކުރި 16 މިލިއަން ރުފިޔާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހޭދަކުރި ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.