Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ

ކޮވިޑް-19 ގެ ސަބަބުންނާއި އަދި އެ ވައިރަސް މިހާރު ދިވެހިރާއްޖެއިން ވެސް ފެނިފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ގުޅިގެން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އަދި ސަރުކާރުން އެކަމަށް ގޮތެއް ނިންމާފައި ނުވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އެކުގައި ރައީސް އޮފީހުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އިންތިހާބަކީ ހަމައެކަނި ސަރުކާރުގެ އެއްޗެއް ނޫން ކަމަށާއި އެއީ އެތައް ބައެއްގެ ހައްގެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ސަރުކާރާއި ސަރުކާރުގެ ވާދަވެރި ޕާޓީތަކާއި ހުރިހާ ރައްޔިތުންގެވެސް ހައްގެއް. އަޅުގަނޑު ދެކޭ ގޮތުގައި އޭގައި ނިންމަވާނީ ކަލެކްޓިވް ޑިޒިޝަނެއް،" މިނިސްޓަރު އަލީ ވަހިދު ވިދާޅުވިއެެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެކަމުގައި އަދި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ހާލަތެއް ރާއްޖޭގައި ކުރިމަތިވެއްޖެ ނަމަ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންވެސް އެކަމުގައި މަޝްވަރާ ކުރާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.