ފުރާނައަށް ނުރައްކާތެރި ވައިރަސް، ކޮވިޑް-19 އަށް ގަންނާކުރައްވާބިރުން ޖަރުމަނުގެ ދާޚިލީ ވަޒީރު ހޯސްޓް ސީހޯފަރ އެ ގައުމުގެ ޗާންސެލަރ އެންޖެލާ މާކެލްއާ ސަލާމްނުކުރެއްވިއެވެ.
ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ވަރަށް ގިނަ ގައުމުތަކުގައި އެކަކު އަނެކަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމްކުރުން ވަނީ ހުއްޓާލާފައެވެ. އެހެންވެ ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާރކެލް ސަލާމްކުރެއްވުމަށް އަތްޕުޅު ދިއްކޮށްލެއްވުމުން ދާޚިލީވަޒީރު ސަލާމް ނުކުރެއްވިއެވެ. ހިނިތުންވުމާއެކު ޗާންސެލަރ އެންޖެލާއަށް ބައްލަވަން ހުންނެވީއެވެ.
ޗާންސެލަރ ވެސް ހިނދުކޮޅެއްވާނދެން ވަޒީރަށް ބައްލަވަން ހުންނެވިއެވެ.
އިގުތިސާދީ ގޮތުން ޔޫރަޕްގެ އެންމެ ބާރުގަދަ އެއްގައުމު ކަމަށްވާ ޖަރުމަން ވިލާތުގައި ވެސް ކޮވިޑް-19 ޖެހިފައިވާ 129 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ހޭލުންތެރިކަމުގެ ހަރަކާތްތައް އެ ގައުމުގައި ވަނީ އިތުރުކޮށްފައެވެ.
ޗާންސެލަރއާ ސަލާމް ނުކުރައްވައި ދާޚިލީ ވަޒީރު ގައުމަށާއި ދުނިޔެއަށް ދެއްކެވީ ހޭލުންތެރިކަމުގެ ނަމޫނާ މިސާލެކެވެ.