Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

ސިޓީ އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް

ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީގެ މައްޗަށް 2-0 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ޔުނައިޓެޑުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އެގޮތުން ޔުނައިޓެޑް މިހާރު އޮތީ 45 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ. ލީގުގެ ހަތަރުވަނައިގައި 48 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ. ސިޓީ އޮތީ 57 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ނަތީޖާ އެއްވަރުކޮށްލަން ސިޓީ އަށް ރަނގަޅު ފުރުސަތުތަކެއް ދެވަނަ ހާފްގައި ލިބުނުއިރު ޔުނައިޓެޑަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ސްކޮޓް މެކްޓޮމިނޭއެވެ.

ރޭގެ މޮޅަކީ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި ސިޓީ އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ދެ ޓީމު ސިޓީގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ.

ޔުނައިޓެޑުން ރޭ މުހިއްމު މޮޅެއް ހޯދިއިރު، ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީން ރޭ ވަނީ އެވަޓަންގެ މައްޗަށް 4-0 އިން ކުރި ހޯދައިފައެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އާއި ޕެޑްރޯ އާއި އޮލިވިއޭ ޖިރޫގެ އިތުރުން ވިލިއަންއެވެ.