Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ޓޮޓެންހަމް ކަޓައިފި، އެޓަލާންޓާ ކުއާޓާ އަށް

ޗެމްޕިއަންސް ލީގުން ޓޮޓެންހަމް ކެޓިއިރު، މުބާރާތުގެ ކުއާޓާފައިނަލުން އިޓަލީގެ އެޓަލާންޓާ ޖާގަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ މި މުބާރާތުގެ ރަނަރަޕުން ކަމަށްވާ ޓޮޓެންހަމް މުބާރާތުން ކެޓީ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޖަރުމަނުގެ ރެޑްބުލް ލީޕްޒެގްއާ ބައްދަލުކުރި މެޗުން 3-0 އިން ބަލިވުމާ ގުޅިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ވެސް ލީޕްޒެގް އިން ކަމަށްވާއިރު އެޓީމު ކުއާޓާ އަށް ދަތުރުކުރީ 4-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޖަރުމަނުގައި ރޭ ކުޅުނު މި މެޗުގައި ލީޕްޒެގް އިން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މާސެލް ސަބިޓްޒާއެވެ. އަނެއް ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފޯސްބާގްއެވެ.

މިއީ މުބާރާތުގެ ކުއާޓާ އަށް ލީޕްޒެގް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެޓަލާންޓާ މުބާރާތުގެ ކުއާޓާ އަށް ފުރަތަމަ ފަހަރަށް ދަތުރުކުރީ، ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ސްޕެއިންގެ ވެލެންސިއާ އާއި ބައްދަލުކުރި މެޗު 4-3 އިން ކާމިޔާބުކޮށްގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 4-1 އިން ކާމިޔާބުކުރީ އެޓަލާންޓާ އިން ކަމަށްވާއިރު އެޓީމު ކުއާޓާ އަށް ދަތުރުކުރީ 8-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދާ ކަމަށްވާއިރު އެޓަލާންޓާ އިން މި މެޗުގައި ކާމިޔާބުކުރި ހަތަރު ގޯލުވެސް ކާމިޔާބުކޮށްދިނީ ޖޯސިޕް އިލިޗިޗްއެވެ. އެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ ދެ ޕެނަލްޓީން ކާމިޔާބުކުރި ގޯލުތަކެވެ.

ވެލެންސިއާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ކެވިން ގަމެއިރޯއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޓޮރޭސްއެވެ.

އެޓަލާންޓާ މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރިއިރު، މިއީ އެޓީމުން މި މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.