Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މައުމޫން، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކާ މެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ އިތުރު ތަފްސީލެއް މައުމޫން ދެއްވާފައެއް ނުވެއެވެ.

މައުމޫން، ރައީސް ސޯލިހާއި ބައްދަލުކުރެއްވިއިރު ކޮރޯނާވައިރަހާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު
ފަސްކުރަން މައުމޫން އިއްޔެ ވަނީ ގޮވާލައްވާފައެވެ.

ނަމަވެސް އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އިސްވެރިން ވަނީ މިކަމާ ދެކޮޅު ހައްދަވާފައެވެ.

އަދި ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ހާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮރޯނާ ވައިރަހަށް މިހާތަނަށް ރާއްޖެއިން އަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.