Last Updated: April 24, 12:03
Wednesday, April 24, 2024
ކުޅިވަރު

ލެސްޓާގެ ތިން ކުޅުންތެރިއަކު ކަރަންޓީނުކޮށްފި

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން ލެސްޓަ ސިޓީގެ ތިން ކުޅުންތެރިއަކު ކަރަންޓީނުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެސްޓާގެ ކޯޗު ބްރެންޑް ރޮޖާސް މިކަން ހާމަކުރި ނަމަވެސް އެ ކުޅުންތެރިންގެ ނަމެއް އޭނާ ބުނެފައެއް ނުވެއެވެ.

އަދި އެ ކުޅުންތެރިން މިވަގުތު ސެލްފް-އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކްލަބުން އަޅަމުންދާ ކަމަށްވެސް ރޮޖާސް ބުންޏެވެ.

ޕްރިމިއާ ލީގުގައި ލެސްޓާ އިން އަންނަ ހޮނިހިރު ދުވަހު ވޮޓްފޯޑްއާ ދެކޮޅަށް ނިކުންނަން ހަމަޖެހިފައިވާއިރު ރޮޖާސް ބުނީ އެ މެޗު ފަސްކޮށްފިނަމަ އެއީ ފުޓްބޯޅައިގެ ނަޒަރުން ބަލާއިރު އެއީ އެންމެން ހިތްހަމަޖެހޭނެ ކަމަކަށް ނުވެދާނެ ކަމަށާއި ނަމަވެސް މިވަގުތު ހުރިހާ ކަމަކަށް ވުރެ ވެސް މުހިއްމު ވާންޖެހޭނީ އާންމުންގެ ސިއްހީ ކަންކަން ކަމަށެވެ.

މިއީ މި ބައްޔަށް ޝައްކު ކުރެވިގެން ޕްރިމިއާ ލީގުގެ ޓީމެއްގެ ކުޅުންތެރިންތަކެއް ކަރަންޓީނަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫރަޕްގެ ބޮޑެތި ބައެއް ލީގުތަކުގެ ކުޅުން މެދުކަނޑާލާފައިވާއިރު، ޕްރިމިއާ ލީގުން އަދި އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.