Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

މިފަދަ ނާޒުކު ވަގުތުވެސް ޝިޔާމްގެ މަސައްކަތަކަށް ފިތުނަ އުފެއްދުން!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

މުޅި ރާއްޖޭގެ ރައްޔިތުން ގާތުގައި ސަރުކާރުން ކަންބޮޑުނުވާށޭ ބުނި ނަމަވެސް ރައްޔިތުން މި ތިބެނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މާދަމާ ކަރަންޓީނަށް ގެންދާނީ އަހަރެމެންގެ އާއިލާތަކުން ކާކު ކަމެއް ނޭނގޭ ފަދަ ހާލަތެއްގައެވެ. ގައުމީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އަހަރެމެން އެންމެން ވެސް ބޭނުން ވަނީ އެންމެން އެއްބާރުލުންދީ މިކަމުން އަރައި ގަތުމެވެ. ސިޔާސީ ތަޅާ ފޮޅުންތަކާއި ހިޔާލު ތަފާތުވުންތައް ހުންނާނެއެވެ. ސަރުކާރަށް ފާޑު ވެސް ކިޔަން ބޭނުންވެސް ވާނެއެވެ. އެއީ ދިމިގްރާތީ ނިޒާމެއްގައި ކަންކަން ހިނގާނެ ވެސް ގޮތެވެ. ނަމަވެސް މިއީ އެ ވަގުތެއް ނޫނެވެ.

ނަމަވެސް މިއަދު މި ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. ބައެއް ފަރާތްތައް ގަބޫލުކުރިޔަސް ނުކުރިޔަސް ރާއްޖޭގެ މިހާރުގެ ސަރުކާރަކީ އިންޑިއާއަށް ގޮސް "ހުސް"ވެފައި އޮތް ސަރުކާރެކެވެ. ދެން އޮތީ އިދިކޮޅެވެ. ކޮންމެ ކަމެއް ޗައިނާއިން ކުރިޔަސް އެބޭފުޅުން ތިއްބެވީ "ބޮޑު ވަރިހަމަ" ވެގެންނެވެ. މިއަދުވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އިންޑިއާ ސަރުކާރުން ކޮވިޑް19 އިން ރާއްޖެ އަރައި ގަތުމަށްޓަކައި އެހީތެރިވެދީ ރާއްޖެއަށް ސިއްހީ މާހިރުން ފޮނުވާނެ ކަމުގެ ޔަގީންކަން ދިނުމުން އިދިކޮޅުގެ މިއަދު ތިބި ލީޑަރުންނަކަށް ކެތެއް ނުވިއެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން "ގޭސް" ގަނޑެއް އަނބުރާލަން ޖެހުނެވެ.

އެގޮތުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޗައިނާ އިން އެގައުމުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ހުށަހެޅުމުން ދިވެހި ސަރުކާރުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ސަރުކާރުން ނޫނެކޭ ބުނި ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސާފުކޮށްދޭންޖެހޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ މި ވާހަކަތަކާ ގުޅިގެން ޓްވިޓާގައި އާންމު ފަރާތަކުން ވަނީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި މިކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން ސަފީރު ވަނީ އެއީ ދޮގެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ސަފީރު ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭން ކުރާ މަސައްކަތްތައް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ބޭނުންވީ ސަރުކާރާއި ރައްޔިތުން ޖެއްސުމެވެ. ނަމަވެސް މިފަހަރު އެކަންވީ ނާކާމިޔާބެވެ. މިފަދަ ކަންކަމަކީ ސިޔާސީ ފަރާތްތަކުން ކުރާނެ ކަންތައްތަކެވެ. ނަމަވެސް ސުވާލަކީ ޝިޔާމް މިކަން ކުރައްވަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުތޯއެވެ. އަބަދުވެސް އިސްވާނީ ރައްޔިތުންނާއި ދިވެހި ގައުމު ކަމަށް ބުނާ ފަރާތްތަކުގެ އަމަލުތައް ހުންނަންޖެހޭނީ މިފަދައިންތޯއެވެ. ހަމަގައިމުވެސް ޝިޔާމްގެ މި އަމަލަކީ ރައްޔިތުންނަށް ބަލައިގަނެވޭނެ އަމަލެއް ނޫނެވެ.