Last Updated: April 24, 21:50
Wednesday, April 24, 2024
ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރަން ޖެހެނީ މުއްދަތެއް ނެތް ގޮތަށް: އަދުރޭ

ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހެނީ މުއްދަތެއް ނެތް ގޮތަށްކަމަށް ޕީއެންސީގެ ލީޑަރު ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ ކޮވިޑް 19 ފެތުރެމުން އަންނަ އިރު އިންތިހާބު ފަސް ކުރަން ޖެހޭނީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. އަދި އެގޮތުން މިހާރު އިންތިހާބު ބާއްވަން އިލެކްޝަނުން ހަމަޖައްސާފައިވާ ތާރީހަކީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންވަނީ އިއްލާން ކުރައްވާފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިލެކްޝަން ކަމިޝަނުން ވަނީ އެޕްރީލް 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބު އެޕްރީލް 18އަށް ލަސްކުރިކަން އިއްލާންކޮށްފައެވެ.

އަދުރޭ ވިދާޅުވީ ސިއްހީ ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 10 އަކަށް ހަމަވާއިރު، އެ މަހުގެ 18 ގައި އިންތިޚާބު ބޭއްވުމުން ކެމްޕެއިން ކުރަން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން އެޕާޓީން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

މި ނޫސް ކޮންފަރެންސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ އިންތިހާބު ފަސް ކުރުމަށް އިލެކްޝަނުން ނިންމީ އެޕާޓީ އާއި މަޝްވަރާކުރުމަށް ފަހު ނޫން ކަމަށެވެ. އަދި އެކަމަށް އާދަމް ޝަރީފު ވަނީ އިލެކްޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.