Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ކޮވިޑް19: ސާކް ވެރިންގެ ޓެލެކޮންފަރެންސް މާދަމާ ބާއްވަނީ

8 ޖޫން 2019: އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ކުރައްވާ ދެދުވަހުގެ ފުރަމާނަ ދަތުރުފުޅު، މޯދީގެ މި ދަތުރުފުޅުގައި ރާއްްޖެ އާއި އިންޑިއާއާއި ދެމެދު 6 އެއްބަސްވުމެއްގައިވަނީ ސޮއި ކުރެވިފައި، ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ދެއްވި ދައުވަތު ދެކުނު އޭޝިއާގެ ހުރިހާ ގައުމަކުން ގަބޫލުކުރައްވާ އެ ކޮންފަރެންސް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސާކްގެ ހުރިހާ ގައުމުތަކުން އެއްބައި ވެގެން ކޮވިޑް19 އާއި ދެކޮޅަށް ވަރުގަދަ ސްޓްރެޖީ ޕްލޭނެއް އެކުލަވާލައި، ހުރިހާ ގައުމުތަކުން ވެގެން އެ ބަލިން ހަނގުރާމަ ކުރުމުގެ  މަސައްކަތް ކުރުމަށް އޭނާ ހުށަހަޅުއްވާ ކަމަށެވެ. މޯދީ ވިދާޅުވީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވީޑިއޯ ކޯލް މެދުވެރިކޮށްވެސް ވާހަކަ ދެކެވޭނެ ކަމަށާއި، ސިއްހަތު ރަނގަޅު ދުނިޔެއަކަށްޓަކައި ގުޅިގެން އެކުގައި ކުރާ މަސައްކަތުން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީގެ އެ ޓްވީޓަށް ޖަވާބު ދެއްވާ ރައީސް ސޯލިހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ މަޝްވަރާއަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވާ ގޮވާލެއްވުމުން، އެކަމަށް ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ ކޮވިޑް19 އިން ސަލާމަތްވުމަށް ބުރަ މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށާއި، އަދި އެ މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި ރާއްޖެގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިއުލާންކޮށްފައެވެ.