އޭޝިޔާގެ އެންމެ ބޮޑު މަހުޖަނުގެ ގޮތުގައި ދުވަސްތައް ގުނަމުން އައި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ، މުކޭޝް އަމްބާނީގެ މަގާމު އަނެއްކާ ވެސް ޗައިނާގެ ޖެކް މާއަށް ލިބިއްޖެއެވެ.
އިންޑިއާގެ މީޑިއާއިން ހާމަކުރިގޮތުގައި ބިލިއަނަރ މުކޭޝް އަމްބާނީ އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމުން ދެވަނައަށް ސޮއްސާލީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވެއްޓުމާ ގުޅިގެން އޭނާގެ ވިޔަފާރިއަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުމުގެ ސަބަބުންނެވެ.
އޭނާއަކީ ސާފުނުކުރާ ތެލުގެ ވިޔަފާރި އޭޝިއާގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ ވިޔަފާރިވެރިއެކެވެ.
މުކޭޝް އަމްބާނީގެ ރިލެޔަންސް އިންޑަސްޓްރީން ވަނީ މުއާސަލާތީ ޚިދުމަތުގެ ވިޔަފާރީގެ ތެރެއަށްވެސް ފުޅާދާއިރާއެއްގައި ވަދެފައެވެ.
މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި 41.8 ބިލިއަން ޑޮލަރަށްވުރެ ގިނައިން އެބަހުއްޓެވެ. މިހާރު އޭޝިޔާގެ އެންމެ މުއްސަދި މަހުޖަނު ޖެކް މާގެ މިލްކިއްޔާތު 44.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑެވެ. ޖެކް މާއަކީ ޗައިނާގެ މަޝްހޫރު އަލީބާބާ ގްރޫޕް ހޯލްޑިންގ ލިމިޓެޑްގެ ބާނީއެވެ.

މިދިޔަ ހަފުތާގައި ދުނިޔޭގެ ތެލުގެ އަގު ވެއްޓިފައިވަނީ ފާއިތުވި 29 އަހަރުގެތެރޭގައި ނުވެއްޓޭފަދަ ދަށުުދަޖައަކަށެވެ. އެކަމުގެ ސަބަބުން މުކޭޝް އަމްބާނީގެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނެވެ. މި އަހަރު ފެށުނުއިރު ތެޔޮފީފާއެއްގެ އަގު 68 ޑޮލަރުގައި ހުރިކަމަށްވިޔަސް މިހާރު ތެޔޮފީފާއެއްގެ އަގު ވަނީ 36 ޑޮލަރަށް ވެއްޓިފައެވެ.
ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ދަށްވީ ސަޢުދީ ޢަރަބިޔާއާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ކޯޅުމުގެ އިތުރަށް ކްރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ކުރިމަތިވެފައިވާ މުސީބާތުގެ ސަބަބުންނެވެ.