ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރި އާ އެކު އައްޑޫގައި ކުރިއަށްދާ އިރު އެއް ޕާާޓީގެ ތަންތަނަށް އަނެއް ޕާޓީއެއްްގެ ބަޔަކު ކަޅު ތެޔޮ ޖަހައި ގެއްލުން ދެމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އެމްޑީޕީން ރީނދޫ ކުލަ ލާފައި ހުރި ބައެއް ތަންތަނަށް ކަޅުތެޔޮ ޖަހައިފި އެވެ.
އެގޮތުން ރީނދޫ ކުލައި ކުރަހާފައިވާ ބައެއް ފާރުތަކަށް ވަނީ ކަޅު ތެޔޮ ޖަހާފަ އެވެ. އަދި ހަމަ ޕީޕީއެމުން ކުލަ ލައި ބައެއް އިބާރާތްތައް ލިޔެފައިވާ ފާރުތަކަށް ސްޕްރޭކޮށްފައި ހުރިކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެމްޑީޕީގެ ތަންތަނަށް ކަޅު ތެޔޮ ޖަހާފައި މި ވަނީ މި މަހުގެ ކުރީކޮޅު ހިތަދޫގައި ހުރި ޕީޕީއެމްގެ ބައެއް ތަންތަނަށް އެކި ފަހަރު މަތިން ކަޅު ތެޔޮ ޖަހާފައި ވަނިކޮށެވެ. ޕީޕީއެމުން ތުހުމަތު ކުރާ ގޮތުގައި އެކަން ކުރަނީ އެމްޑީޕީންނެވެ.
އަދި އެމްޑީޕީން ތުހުުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ތަންްތަނަށް ގެއްލުން ދެނީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ. އަދި އެއީ އެމްޑީޕީ އަށް އޮތް ތާއިދު ފެނި އެކަން ހަޖަމް ނުކުރެވިގެން ކުރާ ކަމެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެ އެވެ.
އައްޑޫގައި އެންމެ ފޯރިއާ އެކު ކެމްޕޭން ކުރަމުން އަންނަނީ ވެސް އެމްޑީޕީ އާއި ޕީޕީއެމް އެވެ. އެގޮތުން ރަށްރަށުގެ މަގުތަކުގައި ދެ ޕާޓީގެ ދިދަފަތިތައް ގިނަ އަދަދަކަށް ވަނީ ދަމާފަ އެވެ.
އެހެން ނަމަވެސް ފޭދޫ ބޮޑު މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ކަހަލަ ގޮތަކަށް މުޅިން ވެސް އޮތީ އެމްޑީޕީގެ ރީނދޫ ދިދަފަތިތެކެވެ. އެކަމަކު އެހެން ރަށްރަށުގެ ބޮޑު މަގުތަކުގައި ދެ ކުލަ މިކްސްކޮށް ދިދަފަތި ދަމާފައިވެ އެވެ.