Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

އިންތިހާބު ފަސްކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އީސީން މި މައްސަލަ މީގެކުރިން ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ކޮމިޝަނުން ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށްފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީގެކުރިން ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް އިންތިހާބުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވީ ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މީގެކުރިން އިންތިހާބާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އެއްވެސް މަރުހަލާއެއް ބާތިލެއް ނުވާނެއެވެ. އަދި އެ މަރުހަލާތައް އަލުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދަން ވެސް ނިންމާފައެއް ނުވެ އެވެ. އޭރަށް އިތުރު ހަރަދުތަކެއް ނުހިނގާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިންތިހާބު އަންނަ މަހުގެ 18ވަނަ ދުވަހަށް ބޭއްވުމަށް ނިންމާފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން ވަނީ 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.