ދިވެހި ރާއްޖޭގެ 48 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތޮން ރޭ ކައުންސިލް އިދާރާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގެ ކައުންސިލަރުން ބޮއިކަޓްކޮށްފި އެވެ.
ރޭ 10:00 ޖެހި އިރު ބޭއްވި ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ އެމްއެންޑީއެފްގެ ބޭކަލުންނެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ދައުވަތަށް ރޭގެ ރަސްމިއްޔާތަށް އައްޑޫގެ ސިވިލް ސާވިސް މުވައްޒަފުންނާއި، ފުލުހުން އަދި އެެމްއެންޑީއެފްގެ އިތުރުން ސްކޫލްގެ ދަރިވަނުންނާއި ބެލެނެިވެރިން ވަނީ ބައިވެރިވެފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިވަން ދުވަހާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ޝަރަފުއްދީން ސްކޫލްގެ ދަރިވަރެކެވެ.
އައްޑޫގައި 17 ވަނަ ސާކް ސަމިޓާއި ދިމާކޮށް 1.1 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ބޮޑު ދިދަ ދަނޑިއެއް ވަނީ ޖަހާފައެވެ. 2011 ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހުރީ ދުވަހު ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވި ފަހުން އެތަނުގަިއ ދިދަ ނަގާފައި ނުވެއެވެ، އަދި އެދިދަ ދަނޑި މިހާރުވަނީ ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެފައެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ކައުންސިލަރުން ވަނީ ބޮއިކަޓްކޮށްފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ބައިވެރިވި ވަރަށް ގިނަ މީހުން ވަނީ ކައުންސިލަރުންނަށް ފާޑުކިޔާފަ އެވެ.