Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

އިންތިހާބު ފަސްކުރުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންތިހާބު ފަސްކުރުމުގެ މައްސަލަ އީސީން މީގެކުރިން ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ކޮމިޝަނުން ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނެގުމަށްފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގެ މަރުހަލާގެ ތެރެއިން ނަޝީދު ވިދާޅުވީ އިންތިހާބު ފަސްކޮށް އަދި އިންތިހާބުގެ ތާރީހު ކަނޑައެޅުމަކީ ސުޕްރީމް ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ވެސް ލިބިފައިވާ ބާރެއް ނޫން ކަމަށާއި އެކަމަށް ފަރުވާއެއް ހޯދަން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.

"އިންތިހާބު ފަސް ކުރަން ޖެހޭނަމަ ދެން ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކަށް މި އޮތީ މި އިއްޒަތްތެރި މަޖިލީސް" ނަޝީދު ވިދާޅުވިއެވެ.

އަދި އެޕިޑެމިއޮލޮޖިކަލް ސާވޭއިން ދައްކާ ގޮތުން ކޮވިޑް19ގެ ބަލިމަޑުކަމުން އަރައިގަންނަން ހަތަރު ވަރަކަށް މަސް ހޭދަކުރަން ޖެހިދާނެ ކަމަށާއި އެހެންކަމުން އިންތިހާބު ލަސް ކުރެވޭނެ މުއްދަތާއި އަދި މި ބަލިމަޑުކަމުން އަރައިގަނެވިގެން އިންތިހާބު ބާއްވާނަމަ އަރައިގަނަވޭނެ މުއްދަތެއް ވެސް ސާފު ވާން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އިންތިހާބު ފަސްކުރާނެ ދުވަހަކާ އެކަންކަންކަމާ ގުޅޭގޮތުން ގެންގުޅެންވީ ވިސްނުން އެއީ ތި އިއްޒަތްތެރި މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑަށް ވެސް ފެނޭ" ނަޝީދު ވިދާޅުވިއެވެ.