Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސް އޮފީސް -- ފޮޓޯ / މިހާރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެމަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

ދެވަނަ ފަހަރަށް ރައީސް އޮފީހުން އިއުލާން މިކުރީ މީގެކުރިން ހުޅުވާލި ފުރުސަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް ނިންމުމުނެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓްރައިބިއުނަލަށް ގާނޫނީ ދާއިރާގެ މެމްބަރަކު އައްޔަނުކުރުމަށްޓަކައި މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުށަހަަޅާ ފަރާތްތަކުގެ ލިޔުންތައް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 2:00 އަށް ކަމަށް ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެކަމަށް އެދޭ ފޯމާއި، އިގްރާރާއި ކުށުގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމާއި ކުރިމަތިލާ މީހާގެ ވަނަވަރު ހުށަހަޅަން ޖެހެއެވެ.

ޓްރިބިއުނަލްގެ މެމްބަރުގެ މަގާމުގައި ހުންނަ ފަރާތުގެ ކިބައިގައި ގާނޫނީ ދާއިރާގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މާލީ، ޓެކްސް، ވިޔަފާރި، އާއި އިގްތިސާދު ނުވަތު ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީ ގޮތުން ބައިވެރިވެވޭ ވަރުގެ ގާބިލު ފަރާތެއްކަމުގައި ވާން ޖެހޭނެއެވެ.