Last Updated: June 9, 20:11
Tuesday, June 9, 2026
ރިޕޯޓް

މި މަހު އަޅަަން ބުނި 300 ފްލެޓް ކޮބާ؟

މި މަހުގެ ތެރޭގައި އައްޑޫގައި އަޅަން ބުނި ފްލެޓްތަކުގެ އަމަލީ މަސައްކަތް އަދި މިހާތަނަށް ފެށިފައި ނުވާތީ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅު ކުރަން ފަށައިފި އެވެ.

މިހާރުގެ ސަރުކާރުން އައްޑޫގައި 300 ފްލެޓް އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު އިއުލާން ކުރެއްވީ ޖޫން މަހުގެ 13 ވަނަ ދުހަހު ހިތަދޫގައި ބޭއްވި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ކެމްޕޭން ޖަލްސާއެއްގަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ އެ މަޝްރޫއު ޖުލައި މަހުގެ ތެރޭގައި ފެށޭނެ ކަމަށާއި އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައްް ވެފައިވާ ކަމަށެވެ.

އެކަމަކު މިހާތަނަށް އައި އިރު ވެސް އެކަން ފެށިފައި ނުވާތީ އެއީ ރިޔާސީ އިންތިހާބުގައި ވޯޓް ހޯދަން ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެހެން ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 16 ވަނަ ދުވަހު "ހަވީރު" ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ވެސް ވިދާޅުވީ ޖުލައި މަހު އެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އައްޑޫގައި އަޅަން ނިންމާފައި ވަނީ 315-320 އާ ދެމެދުގެ އަދަދެއްގެ ހައުސިން ޔުނިޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭގެ ތެރެއިން ބޮޑު ބައި އަޅަން ނިންމާފައި ވަނީ ހިތަދޫގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހިތަދޫގައި އަޅާނީ ހުޅުމާލޭގައި އަޅާފައިވާ ކަހަލަ ހަތަރު ބުރީގެ ފްލެޓްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ބާކީ ބައި ހުޅުމީދޫގައި އަޅާ އިރު އެ ރަށުގައި އަޅާނީ އެއް ބުރީގެ ހައުސިން ޔުނިޓްތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ އައްޑޫގައި އަޅުގަނޑުމެން ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓެއްގެ ފުރަތަމަ ފިޔަވަހި. އެހެންވީމާ ކުރިއަށް އޮތް ތަނުގައި އަދި އިތުރު ޔުނިޓްތަކެއް ވެސް ޕްލޭން ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ނިންމާ ލެވޭނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އައްޑޫގައި 700 ހައުސިން ޔުނިޓް އަޅާނެ ކަމަަށް ބުންޏެވެ. އެހެން ނަމަވެސް ވެރިކަން ނިމިގެން ދިޔަ އިރު އެޅުނީ ހަމައެކަނި ފޭދޫގައި އިމާރާތް ކުރެވުނު 25 ޔުނިޓެވެ.

އެކަމަކު މިހާތަަނަށް އައި އިރު އެއިން ތަނަކުން ވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ލިބޭ ގޮތެއް ވެފައެއް ނެތެވެ.