ކޮވިޑް-19 ގެ ނުރައްކާ ވަރަށް ބޮޑަށް ފެތުރިފައިވާ އިޓަލީ އަށް އެހީވުމުގެ މަސައްކަތްތަކެއް އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ފަށައިފިއެވެ.
އެގޮތުން "ކިކް ދަ ވައިރަސް އެވޭ" ގެ ނަމުގައި އިބްރަހިމޮވިޗް އިޓަލީގެ ހޮސްޕިޓަލުތަކަށް އެހީވާން ފަންޑްރައިޒިން ކެމްޕޭނެއް ފަށާފައިވާއިރު، މި ކެމްޕޭންގެ ތެރެއިން 1.1 މިލިއަން ޑޮލަރު ހަމަކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މި ކެމްޕޭނުގެ ދަށުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މިލާން އާއި ބެރްގާމޯ އާއި ކަސްޓެލަންޒާ އަދި ޓޮރީނޯގެ ހޮސްޕިޓަލުތަކަށެވެ.
މި ކެމްޕޭން ފެށިކަން އިއުލާންކުރަމުން އިބްރަހިމޮވިޗް ބުނީ އިޓަލީ އަކީ އޭނާ އަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިވާ ގައުމެއް ކަމަށާއި މި ހާލަތުގައި އިޓަލީއަށްޓަކާ ކަމެއްކޮށްދޭން ބޭނުންވާ ކަމަށެވެ.
އެގޮތުން އެންމެންގެ ބައިވެރިވުމާއެކު އިޓަލީގެ ހޮސްޕިޓަލްތަކަށާއި ކޮންމެ ދުވަހަކު ފުރާނަތައް ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި ނަރުހުންނަށް އެހީވެވޭނެ ކަމަށާއި މިވަގުތަކީ އެމީހުން ކުރާ މަސައްކަތަށް ޝުކުރުވެރިވާންވީ ވަގުތު ކަމަށްވެސް އިބްރަހިމޮވިޗް ބުންޏެވެ.
އިޓަލީ އަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގެ 31،000 މީހުންނަށް މި ބަލި ޖެހިފައިވާއިރު، 2،000 އަށް ވުރެ ގިނަ މީހުން ވަނީ ބަލިވެފައެވެ.