Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

ބޭކާރު ގޮތުގައި މަގުމަތީ އުޅޭ މީހުންނަށް ނަސޭހަތްދީ ފޮނުވާލަނީ

މިވަގުތު މާލޭގެ މަގުމަތީގައި ޒަރޫރީ ބޭނުމެއް ނެތި ތިބޭ މީހުން ނަސޭހަތް ދިނުމަށް ފަހު ގެއަށް ފޮނުވާލަން ފުލުހުން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ފުލުހުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ މިވަގުތު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެ، އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

އަދި ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި ޒަރޫރީ ބޭނުމަކަށް ނިކުތަސް، ބޭނުން ފުރިހަމަ ވުމުން ރައްޔިތުން އަމިއްލަ ސަލާމަތްތެރިކަން އިސްކުރައްވައި ގެއަށް ވަޑައިގެންނެގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ސަރުކާރު ބަންދުކޮށް ސަރުކާރު މުވައްޒަފުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފައިވި ނަމަވެސް ޒަރޫރީ ބޭނުންތަކަށާއި ކޮންމެހެން ކުރަން ޖެހޭ އެއްވެސް ކަމަކަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.