17 ވަނަ ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގައި ހެދި ސްޓޭޓް ސްކުއާގައި ޖެހުމަށް ގެނައި ދިދަ ދަނޑިއަށް 1.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސާކް ސަމިޓް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
2011 ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހުރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގި ފަހުން އެއްފަހަރު ދިދަ ބަދަލު ކުރުމަށް ފަހު މިހާރު ހަލާކުވާން ދޫކޮށްލާފައިވާ ދިދަ ދަނޑިއަކީ ސްރީލަންކާގެ ޑިވެލޮޕް އިންޓަ ޕްލޭން އިން ސަޕްލައި ކުރި 78.6 ފޫޓްގެ ދިދަ ދަނޑިއެކެވެ.
އޮޑިޓް ރިޕޯޓް ބުނާ ގޮތުން މިދިދަ ދަނޑި ގެނައުމާއި ޖެހުމަށް 1،183،099.50 ރުފިޔާ (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިން ހާސް ނުނަދިހަ ނުވަ ރުފިޔާ ފަންސާސް ލާރި) ވަނީ ޑިވެލޮޕް އިންޓަ ޕްލޭންއަށް ދީފަ އެވެ.
އައްޑޫ ސިޓީގެ ސްޓޭޓް ސްކުއާ ތައްޔާރުކޮށް އެތަނުގައި ދިދަ ޖަހާފައިވަނީ އެމްއެންޑީއެފް އިންނެވެ.
ރައީސް ނަޝީދުގެ ސަރުކާރުން އައްޑޫ ސިޓީ ސްޓޭޓް ސްކުއާ ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހަވާލު ކުރީ ހިތަދޫ ޕޯޓް އާއި އެވެ. އެގޮތުން ހިތަދޫ ޕޯޓް އާއި ސްޓެޓް ސްކުއާ ބަލަހައްޓަން ހަވާލު ކުރީ ބަނދަރުގައި ބޮޑު ކެރޭނެއް އޮވެފައި އެތަނުގެ ބެލުމުގެ ދަށުގައި އޮތުމުން ދިދަ ބަދަލު ކުރުމާއި ކަން ކަން ފަސޭހަ ވާނެތީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދިދަ އެރުވުން އެމްއެންޑީއެފް އާއި ހަވާލު ކުރި އިރު ދިދަ ގެންނަން ހަވާލު ކުރީ ހިތަދޫ ޕޯޓް އާ އެވެ.
އައްޑޫގެ ސްޓެޓް ސްްކުއާގެ ބޮޑު ދިދަ ދަނޑި ހުހައް ހުރުމުން އެކަމާއި އާއްމު ފަރާތްތަކުން ވާހަކަ ދައްކަން ފެށުމުން ކައުންސިލުން ވަނީ ދިދައެއް ގެނައުމަށް މަސައްކަތް ކުރަމުން ދާކަމަށް ބުނެފައެވެ. އަދި ދިދަ ގެންނަނީ އެމެރިކާއިން ކަމަށް ވެފައި ދިދައަކަށް 50،000 (ފަންސާސް ހާސް) ރުފިޔާ ހަރަދު ވާނެކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މިހާރުގެ ހިތަދޫ ޕޮލިސް ސްޓެޝަން ކުރިމަތީ ހުރި ދިދަ ދަނޑި މިހާރުވަނި ވަރަށް ބޮޑަށް ހަލާކު ކޮށްލާފައެވެ. އަދި މިތަން ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން އެއްވެސް މަސައްކަތެއް ނުކުރާއިރު މިތަނަކީ ކައުންސިލްގެ ހަވާލުގައި ހުރި ތަނެއް ނޫންކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ސާކް ސަމިޓް އޮޑިޓް ރިޕޯޓުން މިފަދަ އެތައް ސަތޭކަ މިލިއަނެއްގެ ބޭކާރު ހަރަދު ވަނި ފެނިގެން ގޮސްފަ އެވެ.