Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ދެ މަސް ދުވަހަށް ފެނާއި ކަރަންޓުގެ ބިލު ކުޑަކޮށްދޭން ނިންމައިފި

ދެ މަސް ދުވަހަށް ފެނާއި ކަރަންޓުގެ ބިލު ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ދެ މަސްދުވަހުގެ ކަރަންޓު ބިލުގެ 40 އިންސައްތަ އަދި ފެން ބިލުގެ 30 ޕަސެންޓު ކުޑަކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މިކަންކަން ކުރަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ތައާރަފްކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިންނެވެ.

ކަރަންޓް ބިލާއި ފެން ބިލުން ބައެއް ސަބްސިޑައިޒްކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ މިކަމަށް ކަނޑައަޅާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ މި ވައިރަސް އާ ގުޅިގެން ރާއްޖޭގައިވެސް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ އިޤްތިޞާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ނާޒުކު ހާލަތަކަށް ގޮސްދާނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މިއާ ގުޅިގެން، ދައުލަތަށް 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާއާ ދެމެދު ދަށްވާނެކަމަށް ލަފާކުރެވޭ.