ސަތާރަ ވަނަ ސާކް ސަމިޓަށް 500 މިލިއަނަށް ވުރެ ގިނައިން ހަރަދުކޮށްގެން އައްޑޫގައި އިމާރާތް ކުރި އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ސަބަބުން އައްޑު އަށް 80،000 އަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވަމުން ދާ ކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރު ޑރ. އިބްރާހިމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެެވެ.
ޖުމްހުރީ ގުޅުމުގެ ކެމްޕެއިންގައި މިހާރު އައްޑޫއަށް ވަޑައިގެން އުޅުއްވާ ޑރ. ޑީޑީ ހުޅުމީދޫ ޖަގަހައިގަ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަންގަނޑެކޭ ހިލަގަނޑޭ ވާނީ އެއްވަރޭ ބުނާ ގޮތަށް އައްޑޫ ސިޓީ ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރުގެ ސަބަބުން އައްޑޫ ރައްޔިތުން މިއަދު ދަރަނިވެރިވެފައި ކަމަށެވެ.
އެގޮތުން އެތަނުގެ ހަރަދަށް މަހަކު 80 ހާސް ރުފިޔާގެ ހަރަދެއް ހިނގާކަމަށް ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ އައްޑޫ ރައްޔިތުން ސިޔާސީ ހަތިޔާރަކަށް ހެދުމަށް ފަހު އެއްވެސް ކަހަލަ ޚިދުމަތެއް އައްޑު އަށް ފޯރުކޮށް ނުދީ ސާކް ސަމިޓްގެ މަސައްކަތް ވަކި ބަޔަކު ލައްވާ ކުރުވައި އެ ބަޔަކު މުއްސަދިކޮށް ދީފައިވާ ކަމަށެވެ.
ނޮވެމްބަރު 10-11، 2010 ގައި އައްޑޫގައި ސާކް ސަމިޓް ބޭއްވި އިރު ނަޝީދުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޑީޑީ ވިދާޅުވީ ކޮންވެންޝަން ސެންޓަރު އައްޑޫގައި އިމާރާތް ކުރުމަށް ނިންމައި އެކަމަށް ބަޖެޓް ކަނޑައެޅުމުން އެ ތަނަށް ހިނގާ ޚަރަދުގެ ތިންބައިކުޅަ އެއްބައި އައްޑޫ ސިޓީގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވަޒީރުންގެ މަޖިލީހުގައި ދެންނެވި ކަމަށެވެ.
އަދި އާރްއޭފް ސަރަހައްދުން ހިއްކާފައިވާ 18 ހެކްޓަރުގެ ބިމުގައި މަސް ފެކްޓަރީއެއް އަޅައި އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ހަމަޖެއްސުމަށް ވެސް ވަޒީރުންގެ މަޖިލިސްއަށް ހުށަހެޅުއްވި ކަމަށެވެ.
އެމްޑީޕީގެ ރައީސަކަށް ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވައި ޖުމްހުރީ ޕާޓީ އާއި ގުޅިވަޑައިގަތުމަށް ފަހު އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ޑީޑީ ވިދާޅުވީ އައްޑޫގައި ސާފް ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެސް ހުށަހެޅުއްވި ކަމަށެވެ.
ނަމަވެސް އެއިން ކަމަކަށް އިޖާބަ ދީފައި ނުވާ އިރު ސިފައިންނާއި ފުލުހުން ލައްވާ މަސައްކަތް ކުރުވުމަށް ފަހު ހެވީ ލޯޑާއި ގާތް ބޭފުޅުން މުއްސަދިވާ ގޮތަށް ދައުލަތުގެ ލާރި ބަހައި ހުސްކޮށްފައިވާ ކަމަށެވެ.