ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ އެމްޑީޕީގެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިފްތިތާހްކޮށް ދެއްވައިފި އެވެ.
މާލެ ސިޓީ ހޯލްގައި ހަވީރު ބާއްވައި ބޭރުގެ ޑިޕްލޮމެޓުންނާއި، އެމްޑީޕީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަދި އާންމުންނާއި މީޑިއާގެ ފަރާތްތަކުން ބައިވެރިވި ބައްދަލުވުން ވިލަރެސްކޮށް ދެއްވައިފައި ވަނީ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރައްވައިފައިވާ އަހްމަދު ނަސީމެވެ.
ބައްދަލުވުން ފައްޓަައިދެއްވުމުގެ ގޮތުން އަހްމަދު ނަސީމް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރުގެ 3 އަހަރު ތެރޭގައި ހާރިޖީ ގޮތުން ހޯދި ކުރިއެރުންތަކަށް އަލިއަޅުވައިލެއްވި އެވެ.
މި ގޮތުން ފަލަސްތީނާއި އިޒްރެއިލަށް ދަތުރުކުރެއްވި އެންމެ ފުރުތަމަ ފޮރިން މިނިސްޓަރު ކަަމުގެ އިތުރުން ކޮމަންވެލްތްގެ މިިނިސްޓީރިއަލް އެކްޝަން ގްރޫޕްއަށް ރާއްޖެ ހޮވިފައިވުން ފާހަގަ ކުރެއްވި އެވެ. ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވަނީ ލާމެހިފައިވާ ދުނިޔެއެއްގައި ރާއްޖެ މަތިފަޑީގައި ފައިހަމަކު ރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ހާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.
މިގޮތުން ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތަކާއި ގުޅިގެެން ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަންޖެހޭ ކަމަށް ފާހަގަ ކުރެއްވި އެވެ. އެގޮތުން މިއަދުގެ ސަރުކާރުން ރާއްޖެ އަށް މިހާތަނަށް ލިބުނު އިންވެސްޓްމަންޓް އުސޫލްތަކާއި ޚިލާފަށް ބޭރުކުރުމުގެ ސަބަބުން 1.5 މިލިއަން ޑޮލަރުގެ ބަދަލަކަށް ދިވެހި ދައުލަތަށް ދައުވާ ކޮށްފައިވާކަމަށް ވިދާޅުވި އެވެ.
އެމްޑީގެ ސަރުކާރެއްގައި ގައުމުތަކާއި އޮންނަ ދޭދޭ ގުޅުން ބަދަހިކުރައްވާ ރާއްޖޭގެ ކިލަނބުވެފައިވާ ނަމުން ގަދަރުލިބިގެންވާ އަދި ބަސްވިކޭ ގައުމަކަށް ހައްދަވާނޭ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.
އަދި މިކަމުގެ ސަބަބުން ސީދާ ދިވެހި ރައްޔިތުންނަށް ފައިދާ ލިބޭނެކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރައީސް ކަމުގައި ހުންނެވި 3 އަހަރު ތެރޭ ރާއްޖެއަކީ ތިމާވެށީގެ ރޮގުން ގެއްލުން ލިބެމުންދާ ގައުމެއްގެ ހައިސިއްޔަތުން ލީޑް ރޯލެއް ރާއްޖެ އަދާކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.
އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކާބަން ނިއުޓްރަލް ގައުމަަކަށް ހެދުމަށް ހާރިޖީ ގޮތުން ކުރިއެކޭ އެއްފަދައިން ބޮޑެތި މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އެމްޑީޕީގެ ހާރިޖީ ސިޔާސަތުގެ ހާއްސަ ސިފަތައް ބަޔާންކުރައްވަމުން ކުރީގެ އެމްބެސެޑަރެެއް ކަމުގައިވާ އަބްދުލް ޣަފޫރު މުހައްމަދު ވަނީ ޕްރެޒެންޓޭޝަންއެއް ހުށައަޅުއްވައި ދެއްވައިފަ އެވެ.
ކުރިއަށް އޮތް 5 އަހަރު ތެރޭގައި ހާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްތަކަށް އަލިއަޅުވައިލެއްވިއެވެ. މިގޮތުން ރާއްޖޭގެ އިސްތިގްލާލާއި އިސްލާމީ ޝަހުސިއްޔަތު ރައްކާތެރިކުރުމާއި، ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމާއި، އިންސާނީ ހައްގުތަަކަށް ވަކާލާތުކުރުމާއި، އަދި ތަރައްޤީ ވަމުން އަންނަ ގައުމުތަކަށް އެހީތެރިވުން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ އ.ދ.ގައި ރާއްޖެއަކީ ޒިންމާދާރު ގައުމަކަށް ހަދާނޭ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާުނުގެ ޕްރެޒެންޓޭޝަން ނިންމަވައިލައްވަމުން އެމްޑީޕީގެ ވެރިކަމުގައި ގައުމަށާއި އަދި ރައީސް ނަޝީދަށް ލިބިފައިވާ އެވޯޑްތަކައި ރީތި ނަމަށް އަލި އަޅުއްވައި ލެއްވި އެވެ.