Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޓޫރިސްޓުން ފިޔަވައި ރާއްޖެ އެތެރެވާ އެންމެން ކަރަންޓީނު ކުރާނެ

ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެ އެތެރެވާ ހުރިހާ އެންމެން ކަރަންޓީނު ފެސިލިޓީ އެއްގައި އެކެހެރި ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.

ރޭ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބަޔާން ކޮށްފައިވަނީ، ރިސޯޓަކަށް ދާން ރާއްޖެ އަންނަ މީހުން ފިޔަވައި އެހެން ހުރިހާ އެންމެން 14 ދުވަހަށް ސަރުކާރުން ކަނޑައަޅާ ކަރަންޓީނު ފެސިލިޓީއެއްގައި އެކަހެރިވެ ތިބެން ޖެހޭނެ ކަމަށެވެ.

އޭގެ ތެރޭގައި ދިވެހިން ވެސް ބިދޭސީން ވެސް ހިމެނޭނެއެވެ. އިސްތިސްނާ ވެގެން ދާނީ ރިސޯޓުތަކަށް ދާމީހުން އެކަންޏެވެ. ބިދޭސީއަކުވެސް ރިސޯޓަކަށް ނުގޮސް ރާއްޖޭގެ ރަށެއްގައި މަސައްކަތް ކުރަން ނުވަތަ އެނޫން ހާލަތެއްގައި ވެސް އެތެރެ ވެއްޖެނަމަ މިއުސޫލު ހިނގާނެއެވެ.

ސަރުކާރުން ވަނީ ވަކި ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެ ނުވެވޭ ގޮތަށް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ އިޓަލީ އާއި އިރާން އަދި ޔޫރަޕުގައި ފެތުރެމުން އަންނަ ގައުމުތަކާއި ބަންގްލަދޭޝް ހިމެނެއެވެ.