ސަތާރަ ވަނަ ސާކް ސަމިޓަށް އައްޑޫގެ މަގުތައް ހެދުމަށް ސަދަން ޔޫޓިލިޓީ އާއި ސަރުކާރުން ހަވާލުކޮށް ގިނަ އަދަދަކަށް ފައިސާ ދީފައި ވަނިކޮށް އެސްޔޫއެލްގެ ބޭނުމަށް ވިލާ ޝިޕިން އިން ގެނައި ތާރުއަޅާ މެޝިނާއި އެ އޮޕަރޭޓް ކުރި މުވައްޒަފުންގެ ހުރުމާއި މުުސާރައަށް ދައްކަން ޖެހުނު 2.4 މިލިއަން ރުފިޔާ ދައްކާފައި ވަނީ ދައުލަތުގެ ހާއްސަ ބަޖެޓުން ކަމަށް އޮޑިޓަރ ޖެނެރަލް ބުނެފި އެވެ.
ސަމިޓްގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން އައްޑޫގެ މަގު ހެދުމަށް ސަދަން ޔޫޓިލިޓީ އާއި ހަވާލު ކޮށްފައިވަނިކޮށް ސަދަން ޔޫޓިލިޓީން ފައިސާ ދައްކާ ގޮތަށް ސަރުކާރު މެދުވެރިވެގެން އައްޑޫއަށް ގެނައި ތާރު މެޝިނާއި އެއާއި ބެހޭ ތަކެތި އައްޑު އަށް ގެނައުމާއި، އަނބުރާ ގެންދިއުމަށާއި، އެތަކެތި އޮޕަރޭޓް ކުރި މުވްއަޒަފުންގެ މުސާރަ ހޯދުމަށް 17 އެޕްރީލް 2012 ގައި ބިލްކު ރުމުން ފައިސާ ނުދައްކާ، އެ ފައިސާ ދިނުމަށް އެދި ވަނީ ފިނޭންސް މިނިސްޓްރީން އެދިފަ އެވެ.
އަދި މިނިސްޓްރީއަށް އެދުމުން އެފައިސާ ނުދެއްކުމުން 14 އޮގަސްޓް 2012 ގައި ވިލާގެ ބިލްގައިވާ އަދަދަށް ބިލެއް ތައްޔާރުކޮށް ރައީސުލް ޖުމްހުރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެގޮތުން ރައީސް އޮފީހަށް ފޮނުވި ބިލްގައި 2،440،703.05ރ. ސަދަން ޔޫޓިލިޓީ އަށް ޖަމާކޮށް ދިނުމަށް ފިނޭންސް މިނިސްޓްރީ އަށް އެންގުމާ ގުޅިގެން އެ ފައިސާ ވަނީ ދައުލަތުގެ ހާއްސަ ބަޖެޓުން އެސްޔޫއެލް އަށް ޖަމާކޮށްދީފަ އެވެ.
އައްޑޫ އާއި ފުވައްމުލަކުގެ މަގު ހެދުމަށް 121 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެސްޔޫއެލް އަށް ދޫކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ދައްކަ އެވެ.