Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

1،000 ގަސް މުށީގެ ތެރެއިން 533 ބޭނުމެއް ނުކުރޭ!

ސާކް ސަމިޓަށް ތައްޔާރު ކުރި ގަސް މުށިތައް.

ސާކް ސަމިޓާ ދިމާކޮށް އައްޑޫގެ މަގުތައް ޒީނަތްތެރި ކުރަން ބޮޑު ހަރަދެއްކޮށްގެން ހެދި 1،000 ގަސް މުށީގެ ތެރެއިން 533 ގަސް މުށި އެއްގޮތަކަށް ވެސް ބޭނުންކޮށްފައި ނުވާ ކަމަށާއި އެއީ ދައުލަތުގެ ފައިސާއިން ކޮށްފައިވާ ބޭކާރު ހަރަދުތަކެއް ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓް އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހަތަރު ވައްތަރަކަށް ޖުމްލަ 1،000 ގަސް މުށި ދެ ފަރާތަކާ ހަވާލުކޮށްގެން އައްޑޫ ސިޓީ ކައުންސިލުން ކުރުވާފައިވެ އެވެ. އަދި އެކަމަށް 2،455،090ރ. ހަރަދުކޮށްފައިވެ އެވެ.

ބިޑް ކުރުމެއް ވެސް ނެތި އައްޑޫ ސިޓީ ކައުންސިލުން ގަސްމުށި ތައްޔާރު ކުރަން ހަވާލު ކުރީ ހިތަދޫ އަވަށު ބޯޑުގެ ރައީސް އިބްރާހީމް ޝިނާޒް މޫސާގެ އާއިލީ ކުންފުނި ފަލަކް އެންޓަޕްރައިސަސް އާއި ފޭދޫ ޓްވިގް ކޮންސްޓްރަކްޝަނާ އެވެ.

އޮޑިޓަ ޖެނަރަލް ވިދާޅުވީ އެ ދެ ކުންފުންޏަށް މި މަސައްކަތަށް ހޭދަ ކުރި ފައިސާ ދައްކާފައިވާ އިރު، ގަސްމުށިތައް ކައުންސިލަށް ހަމައަށް ލިބުނުކަން ޔަގީން ކުރެވޭ ފަދަ ލިޔެކިޔުމެއް ކައުންސިލްގައި ފެންނަން ނެތް ކަމަށެވެ. އަދި އެ ތަކެތި ހަމައަށް ހުރިތޯ އޮޑިޓަރުން ޗެކް ކުރި އިރު ފެނިފައި ވަނީ 1،000 ގަސްމުށީގެ ތެރެއިން 941 ގަސް މުށްޓެވެ.

އަދި މީގެ ތެރެއިން 533 ގަސް މުށި އެއްގޮތަކަށް ވެސް ބޭނުން ނުކޮށް ބަހައްޓާފައި ހުރި އިރު، އެއީ 1،308،562ރ. އަގު ހުރި ގަސްމުށިތަކެއް ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވީ މިހާ ބޮޑު ހަރަދެެއްކޮށްގެން ގަސްމުށިތައް ހަދައި، އޭގެ ބޭނުން ކުރެވެމުން ނުދާތީ އެއީ ދައުލަތުގެ ފައިސާ އިން ކޮށްފައިވާ އިސްރާފެއް ކަމަަށެވެ.

މިކަމާ ގުޅިގެން އޮޑިޓަ ޖެނެރަލް ދެއްވި ލަފާގައި ވިދާޅުވެފައި ވަނީ ގަސްމުށިތައް ހަދަން ދައުލަތުގެ ފައިސާ އިން ކުރި ހަރަދަކީ އިސްރާފު ކަމަށް ބެލެވޭތީ ބޭކާރު ގޮތުގައި ދައުލަތުގެ ފައިސާ ހޭދަ ކުރުމުގައި އިހުމާލްވި ފަރާތްތަކާ މެދު މާލިއްޔަތު ގާނޫނުގެ 47 އާއި 48 ވަނަ މާއްދާގެ ދަށުން އަމަލު ކުރަން ޖެހޭ ކަމަށެވެ.

ސަމިޓަށް ތައްޔާރު ކުރި ގަސް މުށިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގަސްމުށި ކުރީގެ ހިތަދޫ އޮފީސް ކުރިމަތި (މިހާރުގެ ހިތަދޫ ކޯޓް) އަދިވެސް ބޭނުމެއް ނުކޮށް ބަހައްޓާފައި އެބަ ތިއްބެވެ.