Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

މަލްޑިނީ ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އޭސީ މިލާނަށް ކުރިން ކުޅުނު އަދި މިހާރު އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭސީ މިލާނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މަލްޑިނީގެ އިތުރުން ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ރޭ ހާމަކޮށްފައެވެ.

ޑިބާލާ އަކީ މި ބައްޔަށް ޕޮޒިޓިވްވި ޔުވެންޓަސްގެ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ވަނީ އެޓީމުގެ ޑިފެންޑަރު ރުގާނީ އާއި މިޑްފީލްޑަރު މަޓުއިޑީ ވެސް މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްގެ ކުޅުން މެދުކަނޑާލާފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.