ސަތާރަ ވަނަ ސާކް ސަމިޓް އާއި ގުޅޭ އޮޑިޓް ރިޕޯޓުން ފެންނަ ފައިސާގެ ބޮޑެތި ހިޔާނާތްތަކުގެ ފައިސާ ގިނައިން ވަދެފައިވަނީ ސަދަން ޔޫޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އަށް ކަމަށާއި، އެކަމުގެ ސާފު މަންޒަރު ފެންނާނީ މިހާރު އޮޑިޓް އޮފީހުން ކުރިއަށް ގެންދާ އެސްޔޫއެލްގެ އޮޑިޓް ރިޕޯޓް ނެރުމުން ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީން ބުނީ އެސްޔޫއެލްގެ އޮޑިޓެއް ކުރިއަށް ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަސްލު ސާފުކޮށް މަންޒަރު ފެންނާނީ އެ ރިޕޯޓުން ކަމަށެވެ.
ސާކް ސަމިޓާއި ގުޅޭ އޮޑިޓް ރިޕޯޓް އާއްމުކޮށްފައިވާ އިރު ބަޖެޓް ކުރި އަދަދަށް ވުރެ އިތުރަށް 400 މިލިއަން ހަރަދުކޮށްފައިވާ އިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާއަކީ ބޭކާރު ހަރަދު ކަމަށާއި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައި ދިނުމަށް ހިންގާފައިވާ ކަންތައް ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފަށް ގިނަ ޚަރަދުކޮށްފައިވާ ކަން ފާހަނގަކޮށްފައިވެއެވެ. ސަދަން ޔޫޓިލިޓީން ވަނީ ސިފައިންނާއި ފުލުހުން ބޭނުން ކޮށްގެން އީސީސީގެ ގިނަ މަސައްކަތްތެއް ކުރުވުމަށް ފަހު އަމިއްލަ ދެ ފަރާތަކަށް 5 މިލިއަނަށް ވުރެ ގިނަ ފައިސާދީފަ އެވެ. އަދި އިއުލާން ކުރުމެއް ނެތި ބޮޑު އަގުގައި ވަކި ބަޔަކާއި ޕްރޮޖެކްޓްތައް ހަވާލު ކޮށް ފައިސާ ނަގާފަ އެވެ.
އައްޑު އާއި ފުވައްމުލަކުގެ މަގު ހެދުމަށް ދައުލަތުން ބޮޑު އަދަދެއްގެ ފައިސާ އެސްޔޫއެލްއަށް ނަގާފައިވާ އިރު މަގު ހަދާފައިވާ ގޮތާއި ގުޅޭ ގޮތުން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
ސަމިޓް ދުވަސް ވަރުވެސް އައްޑޫގެ އެތައް ބަޔަކު ދިޔައީ އެސްޔޫއެލް އިން ކަރަޕްޝަން ހިންގަމުންދާ ކަމަށް ބުނެ އޭސީސީގައި ޝަކުވާ ހުށަހަޅާފަ އެވެ.
އެސީސީން ބުނީ އޮޑިޓް ރިޕޯޓްގައި ފާހަނގަކޮށްފައިވާ ކަންކަން އިތުރަށް ތަހްގީގުކޮށް ދައުލަތަށް ލިބުނުގެ ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށެވެ.