Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކޮވިޑް-19: ޗައިނާއިން ވެކްސިން ޓެސްޓު ފަށައިފި

ކޮވިޑް-19 ގެ ވެކްސިން ޓެސްޓުތަކެއް ޗައިނާއިން ފަށައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ގައި މިހާތަނަށް މުޅި ދުނިޔެއިން 13،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 300،000 އަށް އަރާފައިވާ އިރު މިބަލި ދަނީ ހަލުވި ކަމާއި އެކު ފެތުރެމުންނެވެ.

ޗައިނާގެ ވޫހާންއިން ކޮވިޑް-19 ފެނުނު ނަމަވެސް މިހާރު މި ބަލި ޗައިނާގައި ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެގައުމުން މިބަލީގައި 3261 މީހުން މަރުވެފައިވާއިރު 81،054 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

ކޮވިޑް-19 ގެ ވެކްސިނެއް ހޯދުމަށް އެމެރިކާ އާއި ޗައިނާއިން މަސައްކަތް ކުރަމުން އަންނައިރު އެމެރިކާއިން ވަނީ އެގައުމުން މި ބައްޔަށް ވެކްސިނެއް ޓެސްޓުކޮށްފައެވެ.

ޗައިނާގެ މިލިޓަރީ އާއި ކެންސިނޯ ބައިލޮޖިކްސް ގުޅިގެން އުފައްދާފައިވާ ވެކްސިން މިހާރު ވަނީ އެގައުމުގެ 108 މީހަކަށް ޓެސްޓުކޮށްފައެވެ. ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވެކްސިން ދިން ބައެއް މީހުން ބޭރަށް ހިނގުމާއި، ހުން އައިސްފައިވާ ކަމަށެވެ. އަދި އެއީ މި ވެކްސިންގެ ސައިޑްއިފެކްޓެއްކަމަށް އެގައުމުން ބުނެއެވެ.

ކޮވިޑް-19 އަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ މި ވެކްސިން ޓެސްޓުކޮށްފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ވޮލެންޓިއަރުން ހިމެނެއެވެ.

މި ވެކްސިން ޓެސްޓު ކުރި ބައެއް މީހުން ވަނީ އެކަމުގެ ތަޖްރިބާވެސް ހިއްސާކޮށްފައެވެ. އެގޮތުން ވެކްސިން ޓެސްޓު ކުރުމަށް ފުރުސަތު ލިބުމުން ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ހިތް ހަމަޖެހޭކަން ފާޅުކޮށްފައެވެ. އަދި ވެކްސިން ޓެސްޓު ކުރި ބައެއް މީހުން ބޭރަށް ހިނގުމާއި ގަދައަށް ހުންއައި ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ވަކި ހާއްސަ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވި ނަމަވެސް ހުންއައުމާއި، އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށްދޭ ފަރުވާ ދީގެން ބައެއް މީހުން ރަނގަޅު ކުރެވެއެވެ. މިބަލީގެ ނުރައްކާ ބޮޑީ ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށެވެ.