Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

ކަރަންޓީނު ފެސިލިޓީތަކަށް ރިސޯޓު ދިނީ ހިލޭ ސާބަހަށް: ގާސިމް

ކޮވިޑް-19 ގެ ކަރަންޓީނު ފެސިލިޓީތަކަށް ވިލާގެ ތިން ރިސޯޓު ދިނީ އެއްވެސް ޝަރުޠަކާއި ނުލައި ހިލޭ ސާބަހަށްކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީޓީވީއަށް ދެެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ކަރަންޓީނު ފެސިލިޓީ ހެދުމަށް ތިން ރިސޯޓު ދިނީ އިންސާނިއްޔަތުކަމަށްޓަކައި ކަމަށެވެ. އަދި މިކަމަށް އެއްވެސް އަގެއް ބޭނުން ނޫންކަމަށެވެ.

ގާސިމް ވިދާޅުވީ ސަރުކާރުން ކަރަންޓީނު ފެސިލިޓީއަކަށް ބޭނުންވެގެން އަލީ ވަހީދު ގުޅުއްވުމުން ވަގުތުން ރިސޯޓު ދޭން ހުރިކަމަށް ވިދާޅުވިކަމަށެވެ.

"ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ގުޅުއްވީމާ އަޅުގަނޑު ދެންނެވިން އަޅުގަނޑު މިހުރީ ފަންއައިލެންޑު ދޫކޮށްލާށޭ. މައްސަލައެއްނެތޭ. ދެންހަމަ އެހެންމެ ރައީސަށް ވޮއިސްމެއިލަކުންވެސް ދެންނެވީން އެކަމަކު އަޅުގަނޑު ކޮންމެހެން ބޭނުމެއްނޫނޭ ސަރުކާރުން ދެއްވާ 750 ރުފިޔާއެއް"

ގާސިމް ވިދާޅުވީ ސަރުކާރުން ބޭނުންވެގެން ތިން ރަށް ދޫކުރީ މިހާރުވެސް ރަށުގައި ލިބެން ހުރި ހުރިހާ ވަސީލަތާއި އެކު ކަމަށެވެ. ނަމަވެސް ގިނަ ރަށްތަކުގައި ގިނަ ދުވަހަށް ބޭނުންވާ ސާމާން ނުހުންނާނެކަމަށެވެ.

"އަޅުގަނޑު ދެންނެވިން އެކަމަކު އަޅުގަނޑުމެންގެ އަތުގަހުރި ކާބޯތަކެތި ހުސްވީމާ ދެން އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްނެތޭ."

ގާސިމް ވިދާޅުވީ ރަށުގަހުރި ކާބޯތަކެތި ހުސްވަންދެން ލިބެން ބޭނުން ކުރެވޭނެ ކަމަށާއި ނަމަވެސް ކާބީތަކެތި ހުސްވެއްޖެނަމަ އެތަކެތި އަލުން ހޯދައި ދެވޭނެ ގާބިލް ކަމެއް މިހާރު ނެތް ކަމަށެވެ.

"ރަށުގަހުރި ކާބޯތަކެތި ހުސްވަންދެން އަޅުގަނޑުމެން ދޭނަމޭ އަޅުގަނޑުމެން އަތުގަހުރި ކާބޯތަކެތި. ދެންއެކަމަކު ހުސްވީމާ ދެން އަޅުގަނޑުމެންނަށް ހެދޭނެގޮތެއްނެތޭ. ދެން އެހިސާބުން ސަރުކާރުން އެހީތެރިިކަން ދެއްވައިގެންނޭ ކަރަންޓީނުގައި ތިބި ބަޔަކަށް އަޅުގަނޑަށް ދެވޭނީ. އަޅުގަނޑު ބޭނުމެއްނޫނޭ މީގެ ބަދަލުގަ ސަރުކާރުން ކިތަންމެ ބޮޑުއެއްޗެއް އަދި ކުޑައެއްޗެއްވިޔަސް."

ގާސިމް ވިދާޅުވީ މިވަގުތުވެސް ސިޔާސީ ބައެއް ފަރާތްތަކުން އެމަނިކުފާންގެ އަގުވައްޓާލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިއި އެފަދަ ވަގުތެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރާއި އެކު އިތުރު އެއްވެސް ޑީލެއް ނަހަދާކަމަށެވެ.

"މިކަންކަން ޕޮލިޓިސައިޒް ކޮށްގެން އެއީ އަޅުގަނޑުމެންކުރާ ޑީލަކަށްހަދައިގެން ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ބަޔަކު ކުރާ ކަމެއް. އަޅުގަނޑު ދަންނަވާލަން އޮތީ ވަރަށް ހިތާމައޭ. މި ދަނޑިވަޅަކީ ސިޔާސީ ގޮތުން މަންފާ ހޯދުމަށް އެއްވެސް ދިވެހި ރައްޔިތަކުވެސް އަދި އެއްވެސް މީހަކު ކުރަންވާނެ ވަގުތެއްނޫނޭ."

ގާސިމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާއިރު ކުންފުނި ހިންގޭނެ މާލީ ތަނަވަސްކަމެއް މިވަގުތު ކުންފުނީގައި ނެތް ކަމަށެވެ. ނަމަވެސް ސަރުކާރުން ކޮންމެ ރިސޯޓަކަށް ދެ މިލިއަން ޑޮލަރުގެ ޕެކޭޖެއް ދިނުމަށް ނިންމުމާއި ގުޅިގެން 10،000 އިން ދަށުގެ އާމްދަނީއެއް ލިބޭ ހުރިހާ މުވައްޒަފުންނަށް ފުލް މުސާރަ އާއި ރަމަޟާން އެލެވެންސް ދޭނެކަމަށް ގާސިމް ވިދާޅުވިއެވެ.