Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ކޮވިޑް-19: އެންމެ ފަހުގެ ޚަބަރުތައް

ދެކުނު ކޮރެއާ

އިއްޔެ އަކީ ދެކުނު ކޮރެއާގައި ކޮވިޑް ބާރުމިނެއްގައި ފެތުރެން ފެށި ފަހުން އެންމެ މަދުން މީހުން ޕޮސިޓިވްވި ދުވަސް ކަމަށް އެގައުމުން ބުނެފިއެވެ.

ކޮރެއާގައި އިއްޔެ ޕޮސިޓިވްވީ 64 މީހުންނެވެ. މިއަދަދާއެކު ކޮރެއާގައި މިހާރު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 8،961 އަށް އަރާފައެވެ. ކޮރެއާގައި މިބަލީގައި މަރުވެފައިވަނީ 111 މީހުންނެވެ.

އިއްޔެ އަކީ ދެކުނު ކޮރެއާއަށް ކާމިޔާބީއެއް ނަމަވެސް އެއްވެސް ފަރުދަކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަ ނުކުރުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފައެވެ.

އިނގިރޭސިވިލާތް


ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ އިނގިރޭސިވިލާތުން، ވައިރަސް ކޮންޓްރޯލް ކުރުމަށް އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ބޮޑުވަޒީރު ބޯރިސް ޖޯންސަން ރޭ ބޭއްވި ޚާއްސަ ބައްދަލުވުމަކަށް ފަހު ގައުމާ މުޚާތަބު ކުރައްވަމުން ވިދާޅުވީ، ގެއިން ބޭރަށް ނިކުމެވޭނީ ކޮންމެ މީހަކަށް ވެސް ހަމައެކަނި ވަޒީފާއަށް ދިއުމަށް ކަމަށެވެ. މުހިންމު ހާލަތެއްގައި ފިހާރައަކަށް ދިއުން ފިޔަވައި އިތުރު އެއްވެސް ބޭނުމަކު ގެއިން ބޭރަށް ނުނިކުމޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގައި ލޮކްޑައުން އިއުލާން ކުރި ނަމަވެސް ރެސްޓޯރެންޓްތަކާއި ޕަބްތައް އޮތީ ފުރާލާފައެވެ.

ބޭރުގައި ދެމީހުންނަށް ވުރެ ގިނަ މީހުން އެކުގައި އުޅުމަކީ މަނާ ކަމެއް ކަމުގައި ކަނޑައަޅާ، ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ބޯރިސް ވަނީ ދެއްވާފައެވެ.

ޔޫކޭ ގައި މިހާރު ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 5،837 އަށް އަރާފައެވެ. 335 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

އެމެރިކާ


މިވަގުތު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަނީ އެމެރިކާގައެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާއަކީ ބަންދުކުރެވޭނެ ގައުމެއް ނޫން ކަމަށް ވިދާޅުވެ، އިގްތިސޯދު އަލުން ހުޅުވާލުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެމެރިކާ އިން މިހާތަނަށް ބޯޑަރު ފަތުރުވެރިންނަށް ބަންދުކޮށްފައިވާއިރު މުދާ އިމްޕޯޓު ކުރުން ވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް ޓްރަމްޕް ވަނީ އެފިޔަވަޅުތަކަކީ މާބޮޑު ފިޔަވަޅުތަކެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕްގެ މިސުވާލުތަކާ ގުޅިގެން ސިއްހީ މާހިރުން ވަނީ ފިޔަވަޅުތައް ލުއިކޮށްފިނަމަ މަރުވާ މީހުންގެ ނިސްބަތް މިހާރަށް ވުރެ ބޮޑުތަނުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ލަފާ އަރުވާފައެވެ.

އެމެރިކާގައި މިހާރު ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 40،855 އަށް އަރާފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭ 7،000 އަށް ވުރެ ގިނަ އާ ކޭސް ވަނީ އެމެރިކާ އިން ފެނިފައެވެ.