Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

"ބަލީގެ ސީރިއަސްކަން ކުޑައެއް ނޫން، ނަތީޖާތައް ލުއިކޮށް ނުނަގާ"

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 5 މީހުން ރަނގަޅުވި ނަމަވެސް އެކަން ލުއިކޮށް ނުނެގުމަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ.މޫސާ މުރާދު ވިދާޅުވީ ރާއްޖެއިން މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 5 މީހުން ރަނގަޅުވުމަކީ ބައްޔާއި މެދު ލުއިކޮށް ނަގަން ޖެހޭ ސަބަބެއް ނޫންކަމަށެވެ.

މުރާދު ވިދާޅުވީ ބަލީގެ ސީރިއަސްކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުރިހާ ރައްޔިތުންނަށްވެސް ފެންނަމުން އަންނަ ކަމަށެވެ.

"މިވަގުތު އިލްތިމާސް އެއްގެ ގޮތުގައި އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މި ނަތީޖާތައް އެހާ ލުއިގޮތަކަށް ނުނަންގަވާށޭ. ޕޮޒިޓިވް ވީ މީހުންގެ ތެރެއިން އެހާ ބަލިވެގެން ނުދިޔަ ނަމަވެސް އަޅުގަނޑުމެން އެންމެންވެސް ނޫސްތަކުންނާ އެކި ގޮތްގޮތުން މި ބަލީގެ ނުރައްކާ މިދަނީ ކިޔަމުންނޭ ފެންނަމުންނޭ."

މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ މި ބަލި ޖެހިފައިވާ މީހުންގެ ހާލަތު ކޮންމެ ވަގުތެއްގައިވެސް ބަދަލުވެދާނެކަމަށެވެ. އަދި އެކަން ބައެއް ޑޮކްޓަރުން ތަޖްރިބާ ކޮށްފައިވާ ކަމަށެވެ.

މުރާދު ވިދާޅުވީ ރާއްޖެއިން އިތުރު ކޭސްއެއް ނުފެނުނު ނަމަވެސް އެޗްޕީއޭއިން ރައްޔިތުންނަށް އަމަލުކުރަން އަންގާ އެންގުންތައް ސީރިއަސްކޮށް ނަގައި އެގޮތަށް އަމަލު ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.