Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ރާއްޖޭގައި ކާފިއު ހިންގުމުގެ ވިސްނުމެއް އަދި ނެތް: މަބްރޫކް

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު:، ފޮޓޯ: ސަން

ރާއްޖޭގައި މިވަގުތު ކާފިއު އިއްލާން ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ކޮވިޑް-19 އަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ ރާއްޖޭގައި ކާފިއު ހިންގައި ވަކި ގަޑިތަކެއްގައި މީހުން ބޭރަށް ނުނިކުމެވޭ ގޮތަށް ބަންދު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި މިވަގުތު ނެތް ކަމަށެވެ. ނަމަވެސް އެޗްޕީއޭ އާއި ސަރުކާރުން އަންގާ ގޮތަށް ރައްޔިތުން ބޭރަށް ނުނިކުމެ ތިބުމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ރާއްޖޭގައި ކާފިއު ހިންގައިފިނަމަ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިކަމަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިބުނާ ވާހަކައަކީ ލޮކްޑައުންއަކަށް ދަންޏާ އޭގެ ވެއިޓް ވިސްނަވަން ވާނޭ، ވަރަށް ހާލުގަ ރާއްޖޭގަ މީހުން އުޅޭނީ، އެހިސާބަށް ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑް ނުދާހާ ހިނދަކު އެކަން އެހެން ކުރުމުގެ ވިސްނުމެއް ނެތް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިހާރު ގެއިން ބޭރަށްދާ މީހުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް މަދު ނަމަވެސް އަދިވެސް ބައެއް ބޭފުޅުން ބޭރަށް ނިކުމެ އުޅޭކަން ފާހަގަ ކުރެވޭ ކަމަށެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްލާން ކުރެއްވުމާއި ގުޅިގެން ސަރުކާރުން ވަނީ މިހަފްތާ އެއްކޮށް ބަންދުކޮށްފައެވެ. އަދި ސްކޫލް ތަކާއި ޔުނިވާސިޓީ އަދި މާލެ އާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ނަމާދު ކުރުމާއި ހުކުރު ކުރުން ވަނީ ހުއްޓާލާފައެވެ. މީގެ އިތުރުން ކެފޭ ރެސްޓޯރެންޓުތައް ބަންދު ކުރުމަށްވެސް ވަނީ އަންގާފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 5 މީހަކު މިހާރުވަނީ ބަލިން ފަސޭހަވެފައެވެ. އަދި މިވަގުތު ފަރުވާ ދެމުން އަންނަނީ 8 މީހަކަށެވެ. އެމީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް މަބްޜުކު ވިދާޅުވިއެވެ.