ސާކް ސަމިޓަށް ގެނައި 700،000 ރުފިޔާގެ އަގުބޮޑު ޓެންޓް ވީނުވީއެއް ނޭގި ގެއްލިފައިވާކަމަށް އޮޑިޓް ރިފޯޓް ގައި ފާހަގަ ކޮށްފައި ވަނިކޮށް އެ ޓެންޓް އެމްއެންޑީއެފްގައި އޮތްކަމަށް ބުނާތީ އެކަން ބަލަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ޓެންޓް އެމްއެންޑީއެފްގައި އޮތް ކަމަށް ބުނެ އަޑުތައް ފެތުރުމާއި ގުޅިގެން ނާޒިމް ވިދާޅުވީ ސާކް ސަމިޓާ ގުޅިގެން އައްޑު އަށް ގެންދިޔަ ބައެއް ތަކެތި އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެތަކެތީގެ އިންވެންޓްރީއެއް ނަގާފައި ނެތުމުން އެ ޓެންޓް އެމްއެންޑީއެފްގައި އޮތްތޯ ޔަގީން ކުރެވޭނީ އެކަން ބެލުމަށް ފަހު ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގެއްލުނު ކަމަށް ބުނާ ޓެންޓް ހުޅުމާލޭގައި އެމްއެންޑީއެފްގެ ވެހިކަލްތައް ހިޔާ ކުރުމަށް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ ވަނީ އަޑު ފެތުރިފަ އެވެ. އަދި އެޓެންޓް ކަމަށް ބުނާ ޓެންޓެއްގެ ފޮޓޯ ވަނީ އާއްމުކޮށްފަ އެވެ.
ސަދަން ޔޫޓިލިޓީ ކުންފުނި މެދުވެރިވެގެން ޗައިނާގެ ޒޫހައި ލިރީ ޓެކްނޮލޮޖީ ކޮމްޕެނީން ގެނައި ޓެންޓަށް ވީ ނުވީއެއް ކަމާއި ބެހޭ ފަރާތްތަކަށް ނޭގޭކަމަށް ބުނެ އޮޑިޓް ރިޕޯޓުގައި ޓެންޓް ގެއްލިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފް އާއި ސަމިޓަށް ގެނައި ސާމާން ހަވާލު ކުރި އިރު މިނިސްޓަރަކަށް ހުންނެވީ ޠަލްހަތު ކަލޭގެފާނު އެވެ.