ޖޫން މަހުގެ 13 ވަނަ ދުވަހު އައްޑު އަށް ވަޑައިގެން "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު ވަހީދާއި ރަނިންމޭޓް އަހުމަދު ތަސްމީން އަލީ ހުޅުއްވައި ދެއްވި ކޯލިޝަންގެ ފޭދޫ ޖަހަގަ ޖުމްހޫރީ ގުޅުމުގެ ޖަގަހައަކަށް ބަދަލުކޮށްފި އެވެ.
މި ބަދަލާ އެކު ޖަގަހަ ކުރިމަތީ ބަނދަރުން ނަގާފައިވާ ސަރަހައްދުގައި ދަމާފައި ހުރި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ބެނާތަކާއި ދިދަފަތިތައް އިއްޔެ ވަނީ ނަގައި، ޖުމްހޫރީ ގުޅުމުގެ ދިދަފަތި ދަމައިފަ އެވެ.
އެހެން ނަމަވެސް ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުން މިކަން ކުރަނިކޮށް، ބަނދަރުގެ އެ ސަރަހައްދު ހަމައެކަނި އެ މީހުންނަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ވަނީ އެ ޕާޓީގެ ބެނާތަކެެއް ވެސް ޖަހަގަ ކުރިމައްޗާއި އެ ސަރަހައްދުގައި ހުރި ގަސް (އދ. މައިޒާން) ގައި ވެސް އެމްޑީޕީގެ ދިދަތައް ދަމައިފަ އެވެ.
ހޮނިހިރު ޖުމްހޫރީ ގުޅުމުގެ ބައިވެރިން ދިދަފަތި ބަދަލު ކުރަން މަސައްކަތް ފެށުމުން އެމްޑީޕީގެ ސަޕޯޓަރުން އަޑުގަދަކޮށް ހަމަނުޖެހުން އުފައްދަން ވެސް މަސައްކަތްކޮށްފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ. މިކަމާ ގުޅިގެން ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުން ވަނީ ލިންކް ރޯޑްގައި ހުންނަ އެމްޑީީ ޖަގަހަ ކުރިމަތީގައި ކޯލިޝަނުގެ ދިދަތައް ދަމައިފަ އެވެ.
އަދި ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ޖުމްހޫރީ ގުޅުމުގެ ޖަގަހައިގެ ތެރޭގައި ސަތަރިން ހިޔާކޮށްފައި އޮތް ތަނަށް ބަޔަކު ވަނީ އަލިފާން ބޯޅަތަކެއް ވެސް އުކައިފަ އެވެ.
އެހެން ނަމަވެސް ސަތަރިގަނޑުން ބައެއް އަނދައިގެން ދިއުމުގެ އިތުރަށް، އިތުރު ގެެއްލުމެއް ލިބިފައެއް ނުވެ އެވެ.