ފަލަސްޠީނުން ރާއްޖެ ފޮނުވި ހަތް ޑޮކްޓަރުންގެ ތެރެއިން ކަށީގެ ސްޕެޝަލިސްޓަކު ވަގުތީ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ހިދްމަތް ކުރުމަށް މިއަދު އައްޑު އަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޚަދީޖާ ހަފްސާ ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ކަށީގެ ޑޮކްޓަރެއްގެ ހިދުމަތް ނުލިބި ހުއްޓާ ފަލަސްޠީނުން ރާއްޖެ ފޮނުވި ޑޮކްޓަރުންގެ ތެރެއިން ކަށީގެ ޑޮކްޓަރަކު ސަރުކާރުން އައްޑު އަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ހަފްސާ ވިދާޅުވީ ފަލަސްޠީނުގެ ޑޮކްޓަރު ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ އެއް މަހާއި 20 ދުވަހަށް ކަމަށެވެ.
"މިއަދު މެންދުރު ޑޮކްޓަރަށް އާދެވޭނީ. މި ބަލަނީ މާދަމާ އޯޕީޑީ ހިދްމަތް ފެށޭތޯ." އޭނާ ވިދާޅުވި އެވެ.
ހަފްސާ ވިދާޅުވީ ކަށީގެ ހާއްސަ ޑޮކްޓަރަށް ކޮންމެ ދުވަހަކުވެސް އާއްމު އުސޫލުން 20 ނަންބަރު ދޫކުރާނެކަމަށެވެ.
ފަލަސްޠީނުން އިއްޔެ ރާއްޖެ އައި ސްޕެޝަލިސްޓުންނަކީ ދާދި ފަހުން ރައީސް ވަހީދު ފަލަސްޠީނަށް ކުރެއްވި ޒިޔާރަތުގައި ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް އަށް ދަންނަވައިގެން ގެނައި ބޭފުޅުންނެވެ.
އަދި އެ ބޭފުޅުންނަކީ ތަޖްރިބާ ލިބިވަޑައިގެންވާ މޮޅު ސްޕެޝަލިސްޓުން ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.