Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ޖެކްމާ، ދެއްވި އެހީ ގެންނަން ފްލައިޓެއް ޗާޓަރު ކުރަނީ

އަލީބާބާގެ ފައުންޑަރ ޖެކްމާ، އާއި ރާއްޖޭގައި ތިބި ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީ ޖޮންގު ވިދާޅުވީ ރާއްޖެއަށް ޗައިނާގެ އަމިއްލަ ފަރާތްތަކުން ދީފައިވާ އެހީތައް ނުގެނެވިގެން އުޅެނީ ގައުމުތައް ލޮކްޑައުންކޮށްފައި އޮތުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް އެތަކެތި ގެނައުމަށް އެމްބަސީން ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ލީ ޖޮންގު ވިދާޅުވީ ޖެކްމާގެ އިތުރުން ރާއްޖޭގައި ތިބި ޗައިނާ ކުންފުނިތަކުންވެސް ރާއްޖެއަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

ޖެކްމާ ވަނީ ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ 10 ގައުމަކަށް އެހީތެރިވާނެކަން އިއްލާން ކުރައްވާފައެވެ. އެގޮތުން 1.8 މިލިއަން މާސްކާއި، 210000 ޓެސްޓު ކިޓާއި، 36000 ސޫޓުގެ އިތުރުން ވެންޓިލޭޓަރާއި ތާމޯމީޓަރު ސަޕްލައި ކޮށްދިނުމަށް ވަނީ ނިންމާފައެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖެކްމާ ރާއްޖެއަށް ވެދެއްވާ އެހީގެ ތަކެތި ސިންގަޕޫރާއި ހަމައަށް އައިސްފައިވާ ކަމަށެވެ.

ޗައިނާ ސަރުކާރުން ރާއްޖެއަށްދޭ އެހީގެ ފުރަތަމަ ޝިޕްމެންޓު މިއަދުވަނީ ރާއްޖެ ގެނެސްފައެވެ. އެޝިޕްމަންޓުގައި ހިމެނެނީ ކޮވިޑް-19 އަށް ހާއްސަކޮށް ގެނެސްފައިވާ ބޭހެވެ.

ލީ ޖޮންގު ވިދާޅުވީ ޗައިނާ އޮތީ ދިވެހިންނާއި އެކު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިތުރު އެހީ ޗައިނާއިން ވެދެމުންދާނެ ކަމަށެވެ.