Last Updated: June 9, 18:41
Tuesday, June 9, 2026
މުނިފޫހިފިލުވުން

ޖަގްދިޝް ރާޖް މަރުވެއްޖެ

ގިނަ އަދަދެެއްގެ ހިންދީ ފިލްމުތަކުގައި ފުލުހެެއްގެ ރޯލް އަދާކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައިވާ އަދި ކުރީގެ ބަތަލާ އަނީތާ ރާޖްގެ ބައްޕަ ޖަގްދިޝް ރާޖް، 85، މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ވާހަކަ ދެެއްކި މީހަކު ބުނީ ފާއިތުވި ދެ އަހަރެއްހާ ދުވަހު ޖަގްދިޝް އުުޅުނީ ވަރަށް ބަލިކޮށް ކަމަށާއި އޭނާ ދުނިޔެ ދޫކުރީ ބައްޔަށް ފަރުވާ ވެސް ހޯދަމުން ދަނިކޮށް ކަމަށެވެ.

ޕާކިސްތާނަށް އުފަން ޖަގްދިޝް ވަނީ އޭނާގެ 21 އަހަރުގެ ފިލްމީ ކެރިއަރުގައި 144 ފިލްމެއްގައި ފުލުހެއްގެ ރޯލް އަދާކޮށްފަ އެވެ.

އެހާ ގިނަ އަދަދަކަށް ސިނަމާގައި ފުލުހެއްގެ ރޯލް ތަމްސީލްކޮށް ދީގެން ޖަގްދިޝްގެ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފަައިވާ އިރު އޭނާ ވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންނާ އެކު މަސައްކަތްކޮށްފަ އެވެ.

ޖަގްދިޝްގެ ފާހަގަކޮށްލެވޭ ބައެއް ފިލްމްތަކުގެ ތެރޭގައި "ޖޯނީ މެރާ ނާމް"، "މޭރާ ކަރަމް މޭރާ ދަރަމް"، "ރާމް ތެރީ ގަންގާ މެއިލީ" އަދި "ޑްރީމް ގާލް" ފަދަ ފިލްމްތައް ހިމެނެ އެވެ.

ޖަގްދިޝްގެ ދަރިފުޅު އަނީތާ ރާޖް، 50، އަކީ ވެސް 1980 ގެ އަހަރުތަކުގައި ބޮލީވުޑްގައި ވަރަށް ވިދާލި ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ބަތަލާއެކެވެ.