Last Updated: April 20, 13:48
Saturday, April 20, 2024
ދުނިޔެ

ނިއުޔޯކް ކަރަންޓީނު ކުރުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި

ކޮވިޑް-19 މިވަގުތު އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެމެރިކާގެ ނިއުޔޯކް ކަރަންޓީނު ކުރަން ނުޖެހޭ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ.

އެމެރިކާގައި 123،000 އަށް ވުރެ ގިނަ ޕޮސިޓިވް ކޭސް ފެނިފައިވާއިރު ދެބައިކުޅަ އެއްބައި މީހުން ވައިރަސް ޖެހިފައިވަނީ ނިއުޔޯކް، ނިއު ޖާޒީ އަދި ކޮނެޓިކަޓް ސްޓޭޓުންނެވެ.

މިސަރަހައްދު ކަރަންޓީނު ނުކުރުމަށް ޓްރަމްޕް ނިންމެވީ، ޕްރެސް ކޮންފަރެންސެއްގައި ނިއުޔޯކް، ޖާޒީ އަދި ކޮނެޓިކަޓް ކަރަންޓީނު ކުރުމަށް ގަސްދުކުރާ ކަމަށް ވިދާޅުވެފައިވަނިކޮށް، ޓުވީޓެއް މެދުވެރިކޮށެވެ.

ތިން ސްޓޭޓް ކަރަންޓީނު ކުރުމަށް ގަސްދުކުރާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. އެކަމާ ގުޅިގެން ނިއުޔޯކް ގަވަނަރ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ އެކަން ސިފަ ކުރެއްވީ ސްޓޭޓްތަކުގެ މެދުގައި ހަނގުރާމަ އިއުލާން ކުރެއްވުން ކަމަށެވެ.

ގައުމާއި ތިން ސްޓޭޓާ އެކަހެރި ކުރުމަކީ ނުވާނެ ކަމެއް ކަމަށާއި މުޅި ގައުމު ހުއްޓޭނެ ކަމެއް ކަމަށް ނިއުޔޯކް ގަވަނަރ އެންޑްރޫ ކުއޯމޯ ވިދާޅުވިއެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި، 2227 މީހަކު މިހާރު ވަނީ މަރުވެފައެވެ. އަދި ޕޮސިޓިވްވި މީހުންގެ އަދަދު 123،750 އަށް ވަނީ އަރާފައެވެ.