Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސް ކުޅުންތެރިން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ޔުވެންޓަސް ކުޅުންތެރިންނާއި އެ ކްލަބުގެ ކޯޗު މައުރީޒިއޯ ސާރީ ނިންމައިފި އެވެ.

ކޮވިޑް އާއި ގުޅިގެން އިޓަލީގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސަސްޕެންްޑުކޮށްފައެވެ.

އިޓާލިއަން ލީގު މެދުކަނޑާލާފައިވުމުން މި ދުވަސްވަރު ޔުވެންޓަސް އަށް ވެސް މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އެ ކްލަބުން ބުނީ މި ނިންމުމާއެކު 90 މިލިއަން ޔޫރޯ އެ ކްލަބަށް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ޔުވެންޓަސް އިން ވަނީ އުނދަގޫ މި ދަނޑިވަޅުގައި ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން މިކަމުގައި ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ މާލީ ގެއްލުން ކުޑަކުރުމުގެ ގޮތުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ހުރިހާ ލީގެއްގެ ކުޅުން މެދުކަނޑާލާފައިވާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.