Last Updated: May 20, 06:07
Monday, May 20, 2024
ޚަބަރު

ވައްކަންކޮށްގެން، ނިދިފައި އޮއްވާ ހައްޔަރު!

ސ. މަރަދޫފޭދޫ ގެއަކުން ރޭ ދަންވަރު ވައްކަން ކުރި މީހަކު ހޯދަމުން ދަނިކޮށް އެހެން ގެއެއްގެ ފާހާނާގެ ތެރޭގައި ނިދާފައި އޮއްވާ ފުލުހުން ހައްޔަރުކޮށްފި އެވެ.

އެ ރަށު ރިހިގިރިޓީ ގެއަށް ވައްކަން ކުރަން ވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 1:00 ޖަހާ އެހާކަށްހާ އިރު ކަމަށް މަރަދޫފޭދޫން ވާހަކަ ދެެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ ވަގު ކަލޭގެ އެ ގޭގައި ނިދާފައި އޮތް އަންހެން ކުއްޖަކަށް ވަޅިން ބިރު ދެއްކުމަށްފަހު އެ ކުއްޖާގެ ފަޔާއި ކަރުގައި އަޅާފައި ހުރި ރަން ފަށާއި އަދި އެ އަންހެން ކުއްޖާގެ މޮބައިލް ފޯން ވެސް ނަގާފައިވާ ކަމަށެވެ.

އަދި ވަގު ކަލޭގެ މި ތަކެތި ހިފައިގެން އެ ގެއިން ނިކުންނަން އުޅެނިކޮށް އެ ގޭގެ އެހެން މީހުންނަށް ހޭލެވިގެން އޭނާ ފަހައި ދުއްވައިގަތުމުން ވަގުކަލޭގެ ފިލީ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އަދި ބުނީ ވަގު ކަލޭގެ އެ ގެއަށް ވަނީ އޭނަ ލައިގެން ހުރި ހެދުން އެގޭގައި ހުރި ފޭރު ގަހެއްގައި އެލުވާފައި ކަމަށާއި ފިލަން ދުއްވައިގަތީ އެތަކެތި ވެސް ބަހައްޓާފައި ކަމަށެވެ.

އަދި ވަގު ކަލޭގެ ފެނޭތޯ އެ ގޭގެ މީހުންނާއި އެ ހިސާބުގަނޑުގެ ބައެއް މީހުން ނިކުމެ ހޯދަމުން ދިޔަ ނަމަވެސް އޭނާ ރޭ ނުފެނި، ފުލުހުންނަށް ރިޕޯޓްކޮށްގެން ހެނދުނު ހޯދަމުން ދަނިކޮށް ފެނުނީ އެ ރަށު ތޯތާގެ ގޯތި ތެރޭގައި އަލަށް ހަދަމުން އަންނަ އިމާރާތެއްގެ ފާޚާނާގެ ތެރޭގައި ނިދާފައި އޮއްވާ ކަމަށް މަރަދޫފޭދޫން ވާހަކަ ދެެއްކި މީހާ ބުންޏެވެ.

މިހާރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

"ވަގު ކަލޭގެ ފެނުނު އިރު އޮތީ އެހެން ގެއެއްގެ ރޯނުން ވަގަށް ނަގާފައިވާ އަންހެން ހަރުވާޅެއް ލައިގެން. އެއީ ގާތްގަނޑަކަށް އުމުރުން 28 އަހަރުގެ ފޭދޫ ފިރިހެނެއް،" މަރަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. "އޭނާއަކީ މީގެ ކުރިން ވެސް ވައްކަން ކުރަން މި ރަށުތެރޭގައި އުޅޭ މީހެއް ކަމަށް ބައެއް މީހުންނަށް ފާހަގަ ކުރެވިފައިވާ މީހެއް. އަދި މަސްތުވާތަކެތި ވެސް ބޭނުން ކުރާ މީހެއް."