ސާކް ސަމިޓް ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް ދޫކުރި ފައިސާގެ ތެރެއިން ރަށްތައް ޒީނަތްތެރި ކުރަން ހިތަދޫ ނައީމީ ސްޓޯރް މެދުވެރިކޮށް ކައުންސިލުން ގަތް ޑެކަރޭޓިވް ލައިޑް ލައިޓްސް (ރޯޕްލައިޓް) އެތެރެ ކުރަން ނައީމީ ސްޓޯރަށް 61،000 އަށް ގިނަ ރުފިޔާގެ ޑިއުޓީ މާފުކޮށް ދީފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ނެރުއްވި 2011 ވަނަ އަހަރުގެ ސާކް ސަމިޓްގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން ކައުންސިލަށް ސާކް ސަމިޓް ބަޖެޓުން ދިން ފައިސާ އިން ހަރަދުކޮށްގެން ކުރުވާފައިވާ މަސައްކަތުގެ ތެރޭގައި ސަމިޓަށް ރަށްތައް ޒީނަތްތެރި ކުރަން ބޭނުންވާ 15،000 މީޓަރުގެ ރޯޕްލައިޓް ހިތަދޫ ނައީމީ ސްޓޯރު މެދުވެރިކޮށް 491،053.50ރ. އަށް ގަނެފައިވާ އިރު، އެ ފިހާރައިން އެތެރެކޮށްފައިވާ ބޮކިތަކާ ގުޅޭ 21 އައިޓަމަކުން 61،886.08ރ. ގެ ޑިއުޓީ މާފުކޮށް ދީފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ވިދާޅުވީ އެ ބޮކިތަކުގެ ޑިއުޓް މާފުކޮށް ދީފައިވާ އިރު، އައްޑު ސިޓީ ކައުންސިލުން ބޮކި ގަންނަން ބޭނުންވެގެން އެތަކެތި ފޯރުކޮށް ދޭމެ ފަރާތެއް ހޯދަން އިއުލާން ކުރި އިރުވެސް އަދި އެކަމާ ބެހޭ މައުލޫމާތު ދިން އިރު ވެސް އެފަދަ އިނާޔާތެއް ލިބޭނެ ކަމަށް ހާމަކޮށްފައި ނުވާ ކަމަށެވެ.
އެހެންވެ މިއީ ނައިމީ ސްޓޯރަށް ދިން މާލީ އިނާޔަތެއްގެ ގޮތުގައި އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ރަށުތެރެ ޒީނަތްތެރި ކުރުމުގެ ގޮތުން ގިނަ ލައިޓްތަކެއް އާންމު ފަރާތްތަކާ ހަވާލުކޮށްފައި ވަނީ ސަމިޓް ނިމުމުން އަނބުރާ ކައުންސިލާ ހަވާލު ކުރާ ގޮތަށް ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.
އެހެން ނަމަވެސް ލައިޓްތައް ކައުންސިލާ ހަވާލުކޮށްފައި ވަނީ މަދު ފަރާތްތަކަކުން ކަމަށާއި ރޯޕްލައިޓްތައް އަނބުރާ ހޯދަން ކައުންސިލުން އެކަށީގެންވާ މަަސައްކަތެއްކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އޮޑިޓަ ޖެނެރަލް ވިދާޅުވީ ޑިއުޓީ މާފުކޮށްދީ، ނައީމީ ސްޓޯރުން މަސައްކަތަށް ހުށަހެޅި އަގުން ޑިއުޓީ އަށް ޖެހުނު ފައިސާ އުނިކޮށްފައި ނުވާތީ އެއީ އެ ފަރާތަށް ދިން މާލީ އިނާޔަތެއްގެ ގޮތުގައި ބެލެވޭތީ ޑިއުޓީ މާފު ކުރެވިފައިވާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި ލައިޓްތައް ހަވާލު ކުރެވުނު ފަރާތްކުން ލައިޓް ހޯދަން ވެސް އޮޑިޓަ ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ.