Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ކުރިން ކާރިސާތައް ދިމާވި، މިކަމުންވެސް އަރައިގަނެވޭނެ: ނަޝީދު

ރާއްޖެއަށް މީގެކުރިންވެސް ތަފާތު އެތައް ކާރިސާތައް ކުރިމަތިވެފައި އެބަހުރި ކަމަށާއި އެކަންކަމުން އަރައިގަނެވުނު ގޮތަށް މިކަމުން ވެސް އަރައިގަނެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެބް ކޮންފަރެންސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ބޭއްވި ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މީގެކުރިންވެސް ރާއްޖެއަށް ބޮޑެތި ކާރިސާތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަންކަމުން ދިވެހިން އަރައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް މިވަގުތު އެދިވަޑައިގަންނަވަނީ ރައްޔިތުން އިތުބާރު ކުރެއްވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ބޭނުން ޖެހޭ ގަޑީގައި ހުރި ރަހުމަތްތެރިޔާ އެއީ ހަގީގީ ރަހުމަތްތެރިޔާ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ވުމަކީ، ހަގީގަތުގައި ކޮންމެހެން ބޭނުން ކަމެއް." މެންބަރުން ރައްޔިތުން ގާތުގައި ތިއްބެވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެބް ކޮންފަރެންސްކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލިސް ގެންދިއުމަކީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. ނަޝީދު ވަނީ ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިއުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިހުގެ މެމްބަރުންގެ ނަމުގައާއި އެމަނިކުފާނުގެ ނަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އަދި އަޅަމުން އަންނަ ފިޔަވަޅުތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.

"މުޅި ދުނިޔެ މިވަނީ ކޮވިޑް-19އިގެ އަނދިރި ވިލާގަނޑެއްގެ ދަށުގައި. ރާއްޖެ ވެސް މިވަނީ އެ ވިލާގަނޑުގެ ދަށުގައި. ދިވެހިން މި ވަނީ ކަންބޮޑުވެފައި. ދުނިޔޭގެ ހުރިހާ ރައްޔިތުންވެސް މިވަނީ ކަންބޮޑުވެފައި. ރޯގާ ފެތުރުނަ ނުދިނުމަށް އަޅާން ހުރި ފިޔަވަޅުތައް ސަރުކާރުން ދަނީ ވަރަށް ފުރިހަމައަށް އަޅުއްވަމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.