ސ. ހިތަދޫގެ މިސްކިތްތަކުން ކީރިތި ޤުރުއާންގެ އަޑު ކަނޑުވާލާފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުގައި ލިޔެފައިވާ ލިއުމަކީ ބަލަންވާ ވަރަށް ނުބަލައި ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެެއްގައި ބުނެފައި ވަނީ މިސްކިތްތަކަކީ، މި ބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާތީ، މިސްކިތްތަކުން ގޮވާލެވޭ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އެންމެ ބޮޑު އަޑު ކަމުގައިވާ ބަންގީގެ އަޑާއި، ޤުރުއާނުގެ އަޑާއި ދީނީ ނަސޭހަތުގެ އަޑު ކަނޑުވާލަން އިސްލާމީ ވެރިކަމެއް ހިނގާ އެއްވެސް ދައުލަތަކުން މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި އެކަމަކީ، އައްޑޫސިޓީ ކައުންސިލުން ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
"މިސްކިތްތަކުން ކީރިތި ޤުރުއާނުގެ އަޑު ކަނޑުވާލަން މިސްކިތްތަކުގެ އިމާމުން ލައްވައި ސޮއި ކުރުވި ކަމަށް ނޫސްތަކުގައި ލިޔަމުންދާއިރު، ޙަޤީޤަތަކީ އެކަމަށް އައްޑޫސިޓީ ކައުންސިލްގެ އެއްވެސް ނިންމުމެއް ނެތެވެ. އައްޑޫސިޓީ ކައުންސިލްގެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަ އިން ހިތަދޫގެ މިސްކިތްތަކުގެ މުދިމުންނަށް އެންގީ މިސްކިތްތަކުގައި ހުންނަ ލައުޑު ސްޕީކަރުތަކުން ދުރަށް އަޑު ފޮނުވާއިރު އޭގެ އަޑު ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި ބެހެއްޓުމަށެވެ. އެއީ ބަންގީގެ އަޑާއި، ހުކުރު ނަމާދާއި، ދީނީ ދަރުސު ފިޔަވައެވެ. ހިތަދޫގެ މިސްކިތްތަކުގެ އިމާމުންނަށް ފިޔަވައި، އެއްވެސް އެހެން ރަށެއްގެ މިސްކިތްތަކުގެ އިމާމުންނަށް މިފަދަ އިދާރީ އެންގުމެއް ކައުންސިލްގެ އިދާރާއިން އެއްވެސް ސިފައެއްގައި އަންގާފައި ނުވެއެވެ" ބަޔާނުގައިވެ އެވެ. "ލައުޑު ސްޕީކަރުތަކުން މާބާރަށް ނަމާދު ފޮނުވާތީ، ކައިރީގައި ހުންނަ މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް އޮޅުން އަރާ ބައެއް ފަހަރު ނުބައި ހަރަކާތް ކުރެވިފައިވާ ކަމާއި އެކަމާ އުނދަގޫވާކަމުގެ ޝަކުވާ ކައުންސިލްގެ އިދާރާއަށް ލިބެމުން ގޮސްފައިވެ އެވެ. އެހެންކަމުން ލައުޑު ސްޕީކަރުތަކުގެ ވޮލިއުމް ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް ބައެއް އިމާމުންނަށް އަންގަވާފައިވެ އެވެ."
ކައުންސިލުން އަދި ބުނީ މިސްކިތްތަކުގެ ދައުރު ފުޅާކޮށް، މިސްކިތްތަކުން އިސްލާމީ ޝިއާރު ފާޅު ކުރުމަށް އައްޑޫސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންން ކަމަށެވެ.