Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

އެމެރިކާ އޮތީ ވައިރަސްއަށް ތައްޔާރަށް: ޓްރަމްޕް

ކޮވިޑް-19 އަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ ހަފްތާގައި އެކަނިވެސް އެމެރިކާ އިން އެއް ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮސިޓިވް ވެފައިވާއިރު މިހާރު ޖުމުލަ 164،253 މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ޕޮސިޓިވް ކޭސް ރެކޯޑު ކުރެވިފައިވާ ގައުމެވެ.

ވައިރަސް އަށް އެންމެ ބޮޑަށް ތައްޔާރުނުވެވި އޮތް ގައުމަކީ އެމެރިކާ ކަމަށް އެތައް ބަޔަކު ބުނަމުން އަންނައިރު ޓްރަމްޕް ވިދާޅުވީ، ވައިރަސްއާ ހަނގުރާމަ ކުރުމަށް އެމެރިކާގެ ހޮސްޕިޓަލްތަކާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސާމާނުވެސް ތިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އެގޮތުން އެމެރިކާގެ 10 ކުންފުންޏެއް ސާމާނު އުފެއްދުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އެބަ އަންނަ ކަމަށާއި، ބޭރު ގައުމުތަކުން ސާމާނު އެތެރެވެސް ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ސާމާނު އުފެއްދުމުގައި އެމެރިކާއާ އެހެން ގައުމަކާ ކައިރިވެސް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި މިލިއަނެއްހާ ރައްޔިތުން ވައިރަސް އަށް ޓެސްޓުވެސް ކޮށްފައިވާ ކަމަށާއި އެހެން ގައުމަކަށް އެ އަދަދާ ވެސް ކައިރި ނުވެވޭނެ ކަމަށް ވިދާޅުވެފައެވެ.