Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

"ޤުރުއާންގެ އަޑު ކަނޑުވަން ނާންގާ ކަމަށް ބުނުމަކީ ދޮގެއް"

ނޫރުލް އިސްލާމްގެ ރައީސް ޝެއިހް މުހައްމަދު އަނީލް

ސ. ހިތަދޫ މިސްކިތްތަކުން ޤުރުއާނުގެ އަޑު "ކަނޑުވާލަން" އަންގާފައި ނުވާނެކަމަށް ބުނެ އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ނޫސް ބަޔާނެއް ނެރުމާ ގުޅިގެން ކައުންސިލުން ދައްކަނީ ދޮގު ވާހަކައެއް ކަމަށް ނޫރުލް އިސްލާމް ޖަމިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެ އެވެ.

އަނީލް ވިދާޅުވީ ސިޓީ ކައުންސިލުން ހަމައެކަނި އެންގީ ހިތަދޫ މިސްކިތްތަކުން ޤުރުއާންގެ އަޑު ކޮންޓްރޯލް ކުރަން ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މުދިމުން ލައްވައި ސޮއިކުރި ލިޔުމުގައި ބުނެފައި ވަނީ މައިކް ބޭނުން ކުރެވޭނީ ބަންގި ގޮވުމަށާއި ހުކުރު ހުތުބާ ކިޔުމަށާއި ދަރުސްދިނުމަށް އެކަނި ކަމަށެވެ.

އަނީލް ވިދާޅުވީ މުދިމުން ލައްވައި ލިއުމުގައި ސޮއި ކުރުވަން މަސައްކަތް ކުރާކަން އެގިގެން ކައުންސިލަށް ގޮސް އެތަނުގެ ބޭފުޅުންނާއި ބައްދަލުކޮށް މިގޮތަށް ލިއުން އާއްމު ކުރާ އިރު ޝެއިހުންނާއި މަޝްވަރާ ކުރުމަށް އެދުނު ކަމަށެވެ.

އަދި މިކަން އިސްލާހު ކުރާނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"މިހާރު މިފެންނަނީ ކައުންސިލްގެ ނިންމުން ދިފާއު ކުރަން މަސައްކަތް ކުރާ ތަން، އޭރު ކީ އެއްޗަކާއި މިހާރު ކިޔާ އެއްޗަކާއި ދިމަލެއްް ނުވޭ.“ ޝައިޚް އަނީލް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނެރުނު ބަޔާންގައި ވަނީ "މިސްކިތްތަކަކީ، މި ބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާތީ، މިސްކިތްތަކުން ގޮވާލެވޭ އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އެންމެ ބޮޑު އަޑު ކަމުގައިވާ ބަންގީގެ އަޑާއި، ޤުރުއާނުގެ އަޑާއި ދީނީ ނަސޭހަތުގެ އަޑު ކަނޑުވާލަން އިސްލާމީ ވެރިކަމެއް ހިނގާ އެއްވެސް ދައުލަތަކުން މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި އެކަމަކީ، އައްޑޫސިޓީ ކައުންސިލުން ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ."

"ލައުޑު ސްޕީކަރުތަކުން މާބާރަށް ނަމާދު ފޮނުވާތީ، ކައިރީގައި ހުންނަ މިސްކިތްތަކުގައި ނަމާދުކުރާ މީހުންނަށް އޮޅުން އަރާ ބައެއް ފަހަރު ނުބައި ހަރަކާތް ކުރެވިފައިވާ ކަމާއި އެކަމާ އުނދަގޫވާކަމުގެ ޝަކުވާ ކައުންސިލްގެ އިދާރާއަށް ލިބެމުން ގޮސްފައިވެ އެވެ. އެހެންކަމުން ލައުޑު ސްޕީކަރުތަކުގެ ވޮލިއުމް ކޮންޓްރޯލް ކުރުމަށް މީގެ ކުރިން ވެސް ބައެއް އިމާމުންނަށް އަންގަވާފައިވެ އެވެ." ކައުންސިލްގެ ބަޔާނުގައިވެއެވެ.

އަނީލް ވިދާޅުވީ ލައުޑް ސްޕީކަރުން ނަމަދު ކުރާ އަޑޫ ދުރަށް ފޮނުވައިގެން މީހުންނަށް އޮޅުން އަރާކަމަށް ވިދާޅުވާ އިރު ރޭގަނޑު 11 ޖަހަންދެން ސިޔާސީ ޕާޓީތަކަށް އެމީހުން ބޭނުން ކޮންމެ އެއްޗެށް ކޮންމެ ފަދަ ބާރަކަށް ފޮނުވުމަށް ވެސް ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެފަދަ އަޑުތަކުން އުދަގޫވެގެން އެކަމާއި ކައުންސިލް ކަންބޮޑު ނުވާ ކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ ބާރަށް ނަމާދު ކުރާ އަޑޫ ފޮނުވުމުން ބަލި މީހުންނާއި ކުޑަކުދިންނަށް އުނދަގޫ ވާނެ ކަމަށެވެ. އަދި ހާއްސަކޮށް ރޭނގަޑު އަޑޫގަދަ ކުރުމުން ކައިރި ގެތަކުގައި އުޅޭ ބަލި މީހުންނާއި، ކުޑަކުދިންނަށް އުދަނގޫ ވާނެކަމަށެވެ.

އަދި ސިޔާސީ ޕާޓީގެ އަޑު ގަދަވުމުން އުނދަގޫ ވާ މައްސަލަ ކައުންސިލަށް ހައްލު ނުކުރެވޭތީ އާއްމުންގެ ނުރުހުންވަނީ ކައުންސިލަށް އަމާޒުވެފައެވެ.