އައްޑޫގައި ކުރިއަށް ގެންދާ އެއްވެސް އޮޕަރޭޝަނެއް، ނުވަތަ ހަރަކާތެެއްގައި ޔުނިފޯމް އެޅި ފުލުހުން ނޫން ބަޔަކު އާއްމުންނާއި މުއާމަލާތް ނުކުރާނެ ކަމަށް ދާދި ފަހުން އައްޑޫ އަދި ފުވައްމުލަކުގެ ކޮމާންޑަރަކަށް ހަމަޖެއްސި، ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
ޝިފާން ވިދާޅުވީ އައްޑޫގައި ފުލުހުން ކަމަށް ހެދިގެން އާއްމުންނާއި ތަންތަން ޗެކް ކުރަމުންދާ ކަމުގެ ރިޕޯޓް މިހާރު ވެސް ލިބެމުން އަންނަ ކަމަށާއި ފުލުހުން ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި ޔުނިފޯމް ނާޅާ ފުލުހަކު ހަރަކާތްތެރި ނުވާނެ ކަމަށެވެ.
މީގެ ކުރިންވެސް އައްޑޫގައި ފުލުހުން ކަމަށް ބުނެ މަގުމަތިން މީސްމީހުން ހުއްޓުވައި ބަލައި ފާސް ކޮށް އެކި މީސްމީހުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި އެ މީހުންގެ އަތުގައި ހުންނަ ގަހަނާ އާއި ފައިސާ އަތުލަމުން ދިއުމާ ގުޅިގެން އާއްމުން ސަމާލު ކުރުމަށް ފުލުހުން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ.