Last Updated: June 9, 18:41
Tuesday, June 9, 2026
ވިޔަފާރި

ހިލަ އާއި ހިލަވެލިން އެސްޓީއޯ މަކަރު ހަދާ: ބީއޭޕީސީ

އެސްޓީއޯ ހިތަދޫ ފިހާރަ. ފޮޓޯ/ ކިއުންތެރިއެއް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީީއޯ އިން އައްޑޫގައި ހިލަ އާއި ހިލަވެލި ވިއްކާ އިރު މަކަރު ހަދަމުންދާ ކަމަށް ބުނެ ހިތަދޫގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ގައުމީ ޔުނިވަސިޓީގެ ހިތަދޫގެ ކެމްޕަހުގެ ތިން ބުރީގެ އާ ކުލާސް ރޫމް ބްލޮކްގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ބީއޭޕީސީން ބުނީ އެސްޓީއޯ އިން އެ ކުންފުނިން އެންމެ ފަހުން ގަތް ހިލަ އާއި ހިލަވެލިން ބޮޑެތި މަކަރުތަކެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން ހިލަ އާއި ހިލަވެލި ވެސް ވިއްކަނީ 50 ކިލޯގެ ގޮތުގައި ކަމަށް ބުންޏަށް އެ ވަރަށް ބަަސްތާތަކުގައި ނުހުންނަ ކަމަށް ބީއޭޕީސީގެ ވެރިޔާ މުހައްމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭގެ އިތުރަށް ހިލަވެލި ބަސްތާތަކުގައި ހިލަ ވެއްޔަށް ވުރެ ބޮޑަށް ހުންނަނީ ކޮންމެވެސް އެހެން ބާވަތެއްގެ ވެއްޔެއް ކަަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަހަލަ މަކަރުތަކެއް އެސްޓީއޯ އިން ރައްޔިތުންނަަށް ހަދާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ރައްޔިތުންނަށް މި ވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލާ އިރު މި ވާހަކަ ނުދައްކައި ތިބުމުގެ ބޭނުމެއް ނެތް. އަަޅުގަނޑުމެން މި ޝަކުވާ އެސްޓީއޯ އަށް މީގެ ކުރިން ވަރަށް ގިނަ ފަހަރު މަތިން ހުށަހަަޅައިފިން. އެކަމަކު މިހާތަނަށް އައި އިރު އެއްވެސް ހައްލެއް ނުލިބޭ،" އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފަހަރު މި މައްސަލަ ޖައްސަން ފެށީމަ މިއަދު އެސްޓީއޯ އިން އައިސް އަޅުގަނޑުމެން ގަނެގެން ގެނައި ހިލަ ތަކެތި އަނބުރާ ގެންދިއުމުގެ މަސައްކަތް އެބަ ކުރޭ މިހާރު. ފަންސާސް ކިލޯގެ ބަސްތާތަކުގެ ގޮތުގައި ގަނެގެން އައިސް އަޅުގަނޑުމެން ކިރާލާ އިރު މީގައި މި ހުންނަނީ 30-40 ކިލޯ ވަރު. މި ވަރުގެ ބޮޑެތި މަކަރުތައް ހެދުމަކީ ވަރަށް ބޮޑު މައްސަލައެއް."

މިކަމާ ބެހޭ ގޮތުން އެސްޓީއޯ އައްޑޫ އޮފިޝަލަކު ވިދާޅުވީ ބިއޭޕީސީން މީގެ ކުރިން ޝަކުވާތަކެއް ހުށަހެޅި ކަމަށެވެ. އެގޮތުން އެ ކުންފުނިން ގަތް އެއްޗެއްގައި މައްސަލައެއް އުޅޭ ނަމަ އެކަމަކަށް ބަދަލު ދޭނެ ކަމަށް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސްޓީއޯ ހެޑް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ބަސްތާކުގައި ކިލޯގެ ތަފާތުތަކެއް ހުރެ ދާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ބީއޭޕީސީން ފާހަގަ ކުރާ ވަރުގެ ބޮޑު ތަފާތެއް ބަސްތާތަކުގައި ހުންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.