Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ކައުންސިލް އިންތިހާބު ފަސް ކުރުމާއި ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން މި މަހުގެ ހަތަރުވަނަ ދުވަހު ކުރިން ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބު ފަސް ކުރުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ބިލުގެ މަސައްކަތް އަންނަ މަހުގެ ހޯމަ ދުވަހު ފަށާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ފަސްކުރަން ނިންމައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

ނަމަވެސް މި މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނުމުން ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންތިހާބު އަންނަ އަހަރަށް ފަސްކުރުމަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ގާނޫނު މި ހަފްތާތެރޭ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާއިރު، ކައުންސިލް އިންތިހާބު ނިމުމާއެކު މި ގާނޫނު އުވޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސަރުކާރުން ވަނީ 30 ދުވަހަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.